ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން އުޅުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވައްދާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ވިލިފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިޔާޒު "ސަން"އަށް މިރޭ ވިދާޅުވީ ގާނޫނު އަސާސީގެ 107ވަނަ މާއްދާގައި ސަރުކާރެއްގެ ދައުރަކީ ފަސް އަހަރު ކަމަށް ބުނެފައިވާ ހިނދު، އެ މުއްދަތުގެ ކުރިން ސަރުކާރު ވައްޓާލަން ނުކުންނަ ކޮންމެ ބަޔަކު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ސައްހަ ނޫން ކޯޓު އަމުރު ނެރުމަށް މަސައްކަތް ކުރި އެންމެން ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކަށް މިރޭ ގޮވާލާފަ އެވެ.

"އަހަރެމެން (މަޖިލީހުން) އެކަންތައްތައް ބަލާނަން. މަޖިލީހުގައި ހުރި ހުރިހާ ކޮމެޓީތަކުން އެކަންކަން ބަލާނަން. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވެސް ބަލާނަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލީ ކިހާ މިންވަރަކަށް އެ މީހަކު އެކަމުގައި ބައިވެރި ނުވާ ކަމަށް ކޯޓަށް ކަށަވަރު ވެގެންތޯ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތަށްވާކަން ފުލުހުން ބުނެފައިވާއިރު އެއީ ރައީސް ނަޝީދުގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ އެ މައްސަލާގައި މަޖިލީހަށް ރައީސް ނަޝީދު ވެސް ހާޒިރު ކުރާނެ ކަމަށާއި ހާޒިރު ކުރުމަށް އަމުރެއް ވެސް ނެރޭނެ ކަމަށެވެ.

"އޭނާ (ރައީސް ނަޝީދު)ގެ ކަމެއް މާލެ އައުމާ ނައުމާ. މާލެ އައިސިއްޔާ އޭނަ ކޮމެޓީއަށް ހާޒިރު ކުރާނަން. ޖަލުގައި ހުއްޓަސް ރައީސް ނަޝީދު ކޮމެޓީއަށް ހާޒިރު ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ވެސް ރާއްޖޭގެ އިންޓަލިޖެންސަށް އެނގިފައި ނުވާ ކަމަށެވެ. އަދި ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނުއިރު ވެސް އިންޓަލިޖެންސަށް އެނގިފައި ނުވުމަކީ ފުލުހުންގެ މުއައްސަސާ އެކަމުގައި ފެއިލް ވެފައިވާ ކަމެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ފުލުހުން ވެސް ހާޒިރު ކުރާނަން އަދި މި މައްސަލާގައި (ސައްހަ ނޫން ކޯޓު އަމުރު ނެރުނު މައްސަލަ) އިންވޯލްވާ އެންމެން ހާޒިރުކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް ހައްޔަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރު ކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.