ޖާޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ފާއިތުވި 10 އަހަރު ތެރޭގައި އިތުރަށް ބަދަހިވެފައިވާ ކަމަށް އެގައުމުން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެނީޗީ ސަގަނޫމާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަޕާނުގެ އެމްބަސީއެއް ހުޅުވުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން ސަގަނޫމާ ވިދާޅުވީ އެމްބަސީ ހުޅުވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އަދި އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

"...އަޅުގަނޑުމެންނަށް އިހުސާސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފާއިތުވި 10 އަހަރު އިތުރަށް ބަދަހިވެގެން ދިޔަ ކަމަށް. ދެހާސް ހަތް ވަނަ އަހަރު ދިވެހިރާއްޖެ އިން ޓޯކިޔޯގައި އެމްބަސީއެއް ހުޅުވި. އަދި 2014 ވަނަ އަހަރު ރައީސް ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ޖަޕާނަށް ޒިޔާރަތްކުރެއްވި. ގުޅުން ބަދަހިކުރުން އިތުރަށް ވަރުގަދަވެގެންދާނެ މި އަހަރު މިތާންގައި އެމްބަސީ ހުޅުވުމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި ޖަޕާނުގެ ރައްޔިތުންނާ ސަރުކާރާ ދެމެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، މިހާރަށް ވުރެ ފުންކޮށް މުއާމަލާތްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"... ޖަޕާނާއި ދިވެހިރާއްޖޭން އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކެއް އެބަހުރި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޖަޕާނުގެ ގާތްގަނޑަކަށް 40000 ޓޫރިސްޓުން ކޮންމެ އަހަރަކު ރާއްޖެއަށް އާދޭ. އަޅުގަނޑުމެން އުއްމީދުކުރަނީ ރާއްޖެއަށް އަންނަ ޖަޕާނުގެ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން،" ސަގަނޫމާ ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރު ފޯ ފޮރިން އެފެއާޒް މަސަކަޒޫ ހަމަޗު އާއި ރާއްޖޭގައި ތިއްބަވާ ބައެއް ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.