08 Feb 2016, 21:37
ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން އުޅުނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރަން ތައްޔާރު ކުރި ކޯޓު އަމުރުގެ ކޮޕީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ދަންވަރުގެ ވަގުތެއްގައި އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން އެފަދަ ވަގުތީ އަމުރެއް ތައްޔާރުކޮށްގެން ނެރުނީ ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކަމަށް އެ އަމުރުގައި ބުނެފައިވާ ކަމަށެވެ.
"އެ އަމުރުގައި މި ބުނަނީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގެ ނަން ބުނެފައި އެބަ އޮތް. އެ މައްސަލަ ބަލަމުންދާ ކޮންމެ ވެސް މީހެއްގެ ނަން ޖަހާފައި މި ބުނަނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއިން އެދެނީއޭ ރައީސް ޔާމީން ހައްޔަރު ކުރުމަށް ވަގުތީ އަމުރެއް ނެރެދޭށޭ. ފުލުހުންގެ އިދާރާއިން ރައީސް ޔާމީން ހައްޔަރު ކުރާކަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މެދުވެރިއެއް ނުކުރާނެ. މިވަރު ކަންތައް ކުރާ މީހުން ދިވެހިރާއްޖޭގައި މިއުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް ހައްޔަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރު ކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.
ރައީސް މިއަދު ވިދާޅުވީ ކޯޓުން މީހެއްގެ މައްޗަށް އަމުރެއް ނެރޭއިރު، އެ އަމުރު ރައްދުވާ މީހާގެ ބަސް ހޯދަންޖެހޭނެ ކަމަށެވެ. އެމަނިކުފާނު ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރުނުއިރު އޮތީ ނިދާފައި ކަމަށާއި އެފަދަ އަމުރެއް ނެރުނުކަން ނުވެސް އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ކޯޓުން މީހެއްގެ މައްޗަށް އަމުރު ނެރޭއިރު ގާނޫނު އަސާސީގައި އޮންނަ އެންމެ އަސާސީ ހައްގަކީ، މީހެއްގެ މައްޗަށް އަމުރެއް ކޯޓެއްގައި ރައްދުވެއްޖެއްޔާ އެ މީހެއްގެ ބަހެއް ކޯޓަށް ހޯދާނެ. ކޯޓު އަމުރު މި ނުކުތީ އަޅުގަނޑު ނިދާފައި އޮއްވައި. ކޮބައިތޯ އަޅުގަނޑުގެ ބަހެއް ހޯދުން މީގައި. ނުވެސް ދެނެހުުރިން،" ރައީސް ޔާމީން ވިދާޅުވި އެވެ.
"މިވަރުގެ ދޯދިޔާ ކަންތައް ކޮށްގެން މިއުޅެނީ ރާއްޖޭގެ ވެރިކަމާ ތޮޅެއް. މިއަށްވުރެ ތަންކޮޅެއް ފިރިހެންވާންވީ ނޫންތޯ، އަޅުގަނޑުމެން. މިހާ ސިއްރު ސިއްރުން ފިނޑިކޮށްނެއް ނޫނެއްނޫންތޯ ކަންތައްތައް ކުރަންވީކީ."
ރައީސް ޔާމީން ވިދާޅުވީ އެފަދަ ކޯޓު އަމުރެއް ބަޔަކު ހެދުމުން ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް އެފަދަ އަމުރެއް ތައްޔާރުކުރުމުން އެކަން ކުރި މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ފިޔަވަޅު އަޅާ އެޅުމުގައި ދުނިޔޭގެ އެހެން ގައުމުތަކާއި އެހެން ފަރާތްތަކުން ކީއްވެގެންތޯ ދިވެހިރާއްޖޭގައި މިކަހަލަ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަނީ ސުވާލު އަހަން ޖެހުނު ކަމުގައިވިޔަސް ވެސް އަޅުގަނޑު ފިޔަވަޅު އަޅާނަން. އޭގެ ފަހުން ސުވާލަށް ޖަވާބުދޭނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.