ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ވަންނަން ޖެހޭ 79 މިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) އަށް ދައުލަތުގެ ބައެއް ބޮޑުން ވަނީ ހިޔާނާތްތެރިވެފަ އެވެ. މިހާ ބޮޑު ވައްކަމެއް ހިނގައި ދިޔައިރު ކުރެވޭ ސުވާލުތަކާއި ކުރެވޭ ބަހުސްތައް ގިނަ އެވެ. އެގޮތުން ރާއްޖޭގެ މިނިވަން މުއައްސަސާތައް ކޮބައިތޯ މިއީ ކުރަން އެންމެ މުހިންމު އެއް ސުވާލެވެ.

ޑިމޮކްރަޓިކް ވެރިކަމަކަށް ދިވެހިން މަރުހަބާ ކިޔާފައިވާ އިރު އެ ނިޒާމުގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ފާރަވެރިވާނެ ނިޒާމްތަކެއް މި ވަނީ ރާވައިފަ އެވެ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވުމުގެ ފުރުސަތު ނުދިނުމަށް އެތައް މިނިވަން މުއައްސަސާއަކަށް އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ވެސް އެދަނީ ހަރަދު ކުރަމުންނެވެ. ނަމަވެސް ނަތީޖާ ފެނޭބާ އެވެ؟ މިނިވަން މުއައްސަސާތައް ރަނގަޅަށް ޒިންމާ އަދާކުރޭބާ އެވެ؟

އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް ކޮބާ؟

މަނީ ލޯންޑްރިން އާއި ޓެރަރިޒަމް ފައިނޭންސްގެ އިތުރުން ކުށްކޮށްގެން ހޯދާ ފައިސާގެ މުއާމަލާތްތަކަށް ފާރަވެރިވުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ، ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ)ގެ ނަމުގައި 2014ގެ އޮކްޓޯބަރު މަހު ޔުނިޓެއް އުފައްދައިފަ އެވެ.

މިވަގުތު ތިން ސްޓާފުން މަސައްކަތް ކުރާ އެ ޔުނިޓުގެ މަގުސަދަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޙަރަކާތްތައް ހުއްޓުވުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. މިގޮތުން، ރިޕޯޓް ކުރަން ޖެހޭ ފަރާތްތަކުން އެޔުނިޓަށް ހުށަހަޅާ ނުގަވައިދުން ހިންގާ ފައިސާގެ މުއާމަލާތްތައް ލިބުމުން، އެކަމާގުޅޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކަން ތަހުގީގުކުރަން ޖެހޭ ފަރާތްތަކަށް އެކަމާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަކީ އެ ޔުނިޓުގެ މައިގަނޑު މަސައްކަތެވެ.

ރާއްޖޭގެ ބޭންކްތަކުގައި ހިނގާ ދެ ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ޓްރާންސެކްޝަންތައް އެފްއައިޔޫ އަށް އަންގާނެ އެވެ. އަދި ބޭންކުތަކުން ދިޔައީ އެ ޒިންމާ އަދާކުރަމުންނެވެ. އެ ޓްރާންސެކްޝަންތަކުގެ އެކޮޅު މިކޮޅު ބެލުމަކީ އެ ޔުނިޓުގެ ޒިންމާއެކެވެ. ސުވާލަކީ އެމްއެމްޕީއާރުސީން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައުލޫމާތު އެ ޔުނިޓަށް ފާހަގަނުވެ އޮތީ ކީއްވެތޯ އެވެ؟ އެއީ ކިތައް ރަށުގެ ފާހާނާ ނިޒާމާއި ނަރުދަމާ އެޅުމަށް ބޭނުން ކުރެވިދާނެ ފައިސާތޯ އެވެ.

އެމްއެމްއޭގެ އިންޓެލިޖެންސްގެ ސީނިއާ މެނޭޖަރު އަބްދުﷲ އަޝްރަފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައަކީ ތަހުގީގީ މަރުހަލާގަޔާއި އަދި ކޯޓުގައި މިވަގުތު ހިނގަމުންދާ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަ ނުކުރެވޭނޭ ކަމަށެވެ. ނަމަވެސް، އެމްއެމްއޭ އިން ހުރިހާ ޗެކެއް ވެސް ބަލައި ފާސް ކުރެޔޭ ހީކުރުމަކީ ކުށްހީއެއް ކަމަށާއި ޗެކް ރައްދުވާ ފަރާތުން، އެ ފަރާތުގެ އެކައުންޓަށް ޗެކް ޖަމާނުކޮށް، އެހެން ފަރާތަކަށް "ޗެކް އެންޑޯސް" ކުރުމުން، ހަގީގަތުގައި އެ ޗެކު ރައްދުވާ ފަރާތުގެ މަޢުލޫމާތު އެފްއައިޔޫއަށް ނުލިބޭނޭ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"ތިންވަނަ ފަރާތަކުން ލިބޭ ޗެކެއް އަސްލުގައި ލިބެންޖެހޭ ފަރާތުގެ އެކައުންޓަށް ޖަމާނުވެ އެހެން ފަރާތަކަށް އެ ފައިސާ ލިބޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ އެކަމުގައި އެކަހަލަ މައްސަލައެއް އުޅެއޭ ބުނަން. އެއީ އެއް ޗެލެންޖް،" އަޝްރަފް ވިދާޅުވި އެވެ.

އެހެން ކަމަށްވާ ނަމަ އެގޮތަށް ކަންތައްތައްކޮށްގެން އެފަދަ ހިޔާނާތް ހިންގުމަށް އެވަނީ ދޮރު ހުޅުވިފަ އެވެ. ނަމަވެސް އެފަދަ ޔުނިޓެއް ގާއިމްކޮށް ހިންގަމުންދާ އިރު އެކަމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެފަދަ ޓްރާންސެކްޝަންތަކަކީ އެފަރާތްތަކަށް ފާރަވެރިވާން ޖެހޭ ޓްރާންސެކްޝަންތަކަކަށް ވާންޖެހެ އެވެ. އެ ޔުނިޓްގެ ހެޑަކަށް ހުންނެވި އާތިފު ޝުކޫރު އިސްތިއުފާ ދެއްވުމުގެ ފަހަތުގައި ވެސް ހަގީގަތްތަކެއް ވާނެ ކަމަށް ބެލެވެ އެވެ.

މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެ ޔުނިޓަށް އިތުރު ގޮންޖެހުންތަކެއް ވެސް ކުރިމަތިވަނީ ވެފަ އެވެ. އެގޮތުން ބޭންކުތަކުން އެފްއައިޔޫ އަށް ފޮނުވަން ޖެހޭ 200،000 ރުފިޔާ އަށްވުރެ މަތީ ޢަދަދުތަކުގެ މުއާމަލާތްތަކުގެ މަޢުލޫމާތު ލިބުމުގައި ދެ ހަފްތާގެ ލަސްވުމެއް އުޅޭ ކަމަށް އަޝްރަފް ވިދާޅުވި އެވެ. މިހެން މެދުވެރި ވަނީ އެފްއައިޔޫ އިން ކަނޑައަޅާފައިވާ ފޯމެޓުތަކަށް ޑޭޓާ އެޅުމަށް ފަހު ފޮނުވުމުގައި ބޭންކުތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށާއި، އެހެންކަމުން އެ ޔުނިޓަށް މައުލޫމާތު ލިބޭއިރު އެފަދަ ޓްރާންސެޝަންތައް ހުންނަނީ ހިނގައި ނިމިފައި ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"ބޭންކަށް ދެނެގަނެވެން ޖެހޭނެ ކާކުކަން މިއަންނަނީ، މީނަ ކުރަނީ މި ކޮންކަހަލަ ޓްރާންސެކްޝަނެއް ކަމާއި މިއީ ކީއްވެގެންކުރާ ޓްރާންސެކްޝަނެއްކަން. އެހުރިހާ މައުލޫމާތެއް ބެންކުން ހޯދާފައި އަޅުގަނޑުމެންނަށް މިސާލަކަށް ޝައްކު ކުރެވޭ މުއާމަލާތެއް ކަމަށްވާ ނަމަ އެ ހުށަހަޅަނީ. ހުށަހަޅާއިރު މިވާގޮތަކީ ގިނަ ފަހަރަށް ހަމަ ޓްރާންސެކްޝަން ހަދާ ނިމިފައި އޮންނާނީ،" އަޝްރަފް ވިދާޅުވި އެވެ.

ޝައްކު ކުރެވޭ މުއާމަލާތެއް ހިނގާނަމަ އެ މުއާމަލާތަކާ ގުޅުންހުރި މައުލޫމާތު ހޯދުމުގެ ބާރު އެ ޔުނިޓަށް ލިބިގެންވެ އެވެ. އަދި އެގޮތަށް ލިބޭ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ބާރުވެސް އެ ޔުނިޓަށް ލިބިގެންވެ އެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް ކަހަލަ އިންވެސްޓިގޭޓެއް ކުރާ ބަޔެއް ނޫން. އޭގެ މާނައަކީ އަޅުގަނޑުމެން ހަމައެކަނި ލިބޭނީ ޑޭޓާއޭ ޑޭޓާތަކަށް ބޭސްކޮށްފައި ދެން އެހެން ސޯސްތަކުން ލިބޭ މައުލޫމާތައް ބޭސްކޮށްފައި އަޅުގަނޑުމެން ޖަޖްމެންޓެއް ނެގެނީ،" އަޝްރަފް ވިދާޅުވި އެވެ.

ފާރަވެރިވާނެ ނިޒާމެއް އެބައޮތްތަ؟ އަދިވެސް އެކަން ތަކުރާރު ވެދާނެތަ؟

އެޔުނިޓު ގާއިމްކޮށްފައިވީ ނަމަވެސް މާލީ މުއާމަލާތްތައް ސިއްރުން ހިންގުމުގެ ފުރުސަތު އަދިވެސް އެއޮތީ ލިބިދީފަ އެވެ. އެގޮތުން އެއްވެސް ފަރާތަކަށް ނޭނގި ސީދާ ނަގުދު ފައިސާ އަތުން އަތަށް ބަދަލުކޮށްގެން މުއާމަލާތްތައް ހިންގޭނެކަމަށާއި، ހަމައެހެންމެ އެޔުނިޓުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގަޔާއި މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުމުގައި ވަސީލަތްތަކުގެ ދަތިކަން ހުރުމުގެ ސަބަބުން އެ ޔުނިޓުން ކުރަންޖެހޭ މުހިއްމު އެތައް މަސައްކަތްތަކެއް ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

މިފަދަ ވަސީލަތްތައް ހޯދައި ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށްވުރެ ބޮޑަށް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ އެޔުނިޓުން ކުރަން ޖެހޭ ކަންކަމެވެ. ވަސީލަތް މަދޭ ބުނެ ހުރުމަކުން އެކަން ފުއްދޭކަށްނެތެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން ކޮބާ؟

ދައުލަތުގެ މުއައްސަސާތަކުން ހިންގާ އެކިއެކި މަޝްރޫތަކާއި އެކިއެކި މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިނގަމުންދޭތޯ ނުވަތަ ހިންގާފައިވޭތޯ ބެލުމަކީ އޭސީސީގެ ޒިންމާއެކެވެ. މި ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރު އޭސީސީ ކޮބައިތޯ މިއީވެސް މިއަދު އުފެދިވާ ސުވާލެކެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހިނގާކަން ކުރިން އެނގިފައިވާ ނަމަ އެކަން ހިނގުމުގެ ކުރިން އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅޭނެ އެވެ. ނަމަވެސް އޭސީސީއަކީ ތަހުގީގީ އިދާރާއަކަށްވުމުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅެނީ އެކަމެއް ހިނގާފަހުން ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ އިރު މުއައްވިޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން ރަށްތައް ދޫކުރަމުންދިޔަގޮތާ މެދު ފާހަގަ ކުރެވުނު ކަންތައްތަކެއް ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ސީއެސްއާރުގެ ދަށުން ރަށްތައް ދޫކުރުމުން ކޮރަޕްޝަންއަށް މަގުފަހިވާ ކަމެއްހިނގުމުގެ ފުރުސަތު އޮތުމުން އެކަންކަން ރަނގަޅު ކުރަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ އެންގުންތަކަށް އަމަލުކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް މިހާރު ވެސް އޭސީސީ އިން ތަހުގީގު ކުރަމުން އަންނަ އިރު މިފަހަރު ތަހުގީގުގައި ފާހަގަ ކުރެވޭ ކަންކަން ހާމަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އިސްވެ ފާހަގަ ކުރި ކަންތައްތަކަށް ބަލާއިރު އަދިވެސް ރާއްޖޭގައި އެފަދަ ޖަރީމާތައް ނުވަތަ ބޮޑެތި ހިޔާނާތުގެ ކަންކަން ހިންގޭނެ ކަމުގެ ހެކިތައް އެހެރީ ފެންނާށެވެ. މިނިވަން މުއައްސަސާތައް ގާއިމްކޮށް ފާރަވެރިވުމަށް އެތައް ހަރަދެއް ދައުލަތުން ކުރާއިރު މި ފުރުސަތުތައް މިގޮތަށް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫނެވެ. ރައްޔިތުންގެ ފައިސާ އަށް ރައްކާތެެރިވަން ޖެހެ އެވެ.