08 Feb 2016, 20:11
ފަޅު ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްވި މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ސުވާލު ކުރަންޖެހޭ ކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބަލައި ނިންމާފައިވާ ކަމަށެވެ.
"ފުލުހުންގެ އިދާރާއިން ބަލާ އެމްއެމްޕީއާރްސީގެ މައްސަލާގައި ރައީސް ޔާމީނާ ސުވާލު ކުރަން ޖެހޭ ކަމެއް ނޯވޭ. ރައީސް ޔާމީނާ ސުވާލު ކުރަންޖެހޭ ކަމެއް އެއަކު ނެތް. އެމްއެމްޕީއާރްސީގެ މައްސަލާގައި ފައިސާގެ އަދަދާއި މިކަންކަން ވަނީ ފުލުހުންގެ އިދާރާއިން ބަލައި ނިންމާފައި. އޭސީސީން އެ މައްސަލަ ބަލައިފި. އޮޑިޓާ ޖެނަރަލް އެ މައްސަލަ ބަލައިފި. އެހެންވީމާ އެއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަމެއް ނޫޅޭނެ،"ރައީސް ޔާމީން
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނާ ވާހަކައަށް އެމަނިކުފާނު މިއަދު ވަނީ ރައްދު ދެއްވާފަ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، އެސްއޯއެފް ޕްރައިވެޓް ލިމިޑެޓްގެ އެކައުންޓަށް ޖަމާކުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ރައީސް ޔާމީންގެ ދެކަނބަލުންނާއި ޕީޕީއެމަށް ދިން ކަމަށް ބުނާ ވާހަކައަކީ "ތާކުންތާކުން ޖެހޭ ވާހަކައެއް" ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައީސްކަމުގެ މަގާމާ ކުރިމަތިލައިގެން ރައްޔިތުންގެ ވޯޓާ ހަމައަށް މިވަރުގެ ބޮޑެތި ކަންތައް ކުރާކަމަށްވަންޏާ އަޅުގަނޑުގެ ޒަމީރު ތަނެއް ނުދޭ، އަޅުގަނޑު އައިސް ހުއްޓޭކަށް. ރައީސްކަމުގައި ހުރެގެން ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ އެ ބުނި ބޮޑު [ހިޔާނާތު]ގެ އަމަލުގެ ތެރޭގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ފެންމަތިވި ޚިޔާނާތުގެ އެންމެ ބޮޑު މައްސަލާގައި ބޭންކުތަކުގެ އިހުމާލުވުން އޮތް ކަމަށް ރައީސް ޔާމީން މިއަދު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ބޮޑު ހިޔާނާތެއް ފަސޭހައިން ވެގެން ދިޔައީ ބޭންކުގެ "މުވައްޒަފުންތަކެއް އަމިއްލަ ގޮތުން ބައިވެރިވުންތަކެއް" ހުރުމުން ކަމަށެވެ.
"ބޭންކެއްގެ ތެރެއިން ފައިސާ ދައުރު ކުރާއިރު، އެ ބޭންކެއްގެ ތެރެއިން ހިނގާ ހަރަކާތް ބަލާކަށް ރައީސް އޮފީހަކުން ނުވަތަ އޮޑިޓާ ޖެނަރަލް ނުދާނެ. ނުވަތަ އޭސީސީއަކުން ވެސް ނުބަލާނެ. އެކަންކަން އިނގޭނީ ގޯހެއް ވެއްޖެކަން އެނގުނީމަ ދެން ކުރާ އޮޑިޓެއްގެ ތެރެއިން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކަންކަން ކުރަން ތިބޭ މީހުން "ބޮޑެތި އޮޅުވާލުންތައް" ހިންގާނަމަ ކިތަންމެ ވަރުގަދަ ނިޒާމެއް ގާއިމް ކުރިޔަސް އެފަދަ ހިޔާނާތް ހިންގާނެ ކަމަށެވެ.
"ކަންކަން ކުރަން ތިބޭ މީހުންގެ ތެރެއިން މިހާ ބޮޑެތި އޮޅުވާލުމާއެކީ ކަންކަން ކުރާ ކަމުގައިވާނަމަ ކަންކަން ކުރެވޭނެ. ކިތަންމެ ވަރުގަދަ ނިޒާމެއް ގާއިމް ކުރިޔަސް ކަންކަން ކުރެވޭނެ. އެކަހަލަ ބޮޑެތި ޖިނާއީ ކަންކަން އެހުރީ ކުރެވިފައި. އެހެރީކޮށްފަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ހުޅުއްވާފައިވާ އެކައުންޓެއްގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ތުހުމަތު ކުރައްވާފައިވާތީ ރައީސް ޔާމީން ވާނީ އެ ވާހަކައަކަށް ވެސް ރައްދު ދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސްބީއައިގައި އެމަނިކުފާނުގެ އެކައުންޓެއް ހުޅުވާފައި ނުވާނެ ކަމަށެވެ.
"އެސްބީއައިއަކީ އަޅުގަނޑު ދުވަހަކު ވެސް އެ ބޭންކުގައި އެކައުންޓެއް ގެންގުޅުނު މީހެއް ނޫން. ދުވަހަކުވެސް ގެންގުޅުނު މީހެއް ނޫން. އެހެންވީމަ ކީއްވެގެންތޯ އެސްބީއައި އެކައުންޓެއްގައި ފައިސާ ހުންނާނީ. އެހެންވީމަ 13 މިލިއަންތޯ ނުވަތަ 9 މިލިއަންތޯ، 2 މިލިއަންތޯ މިއީ ނޫން ސުވާލަކީ، ކޮންތާކުތޯ އަޅުގަނޑުގެ އެސްބީއައި އެކައުންޓެއް އޮތީ. ހޯއްދަވައި ދެއްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެފަދަ ތުހުމަތު ކުރާ މީހުން "މަދެއް ނުވާނެ" ކަމަށާއި ނަމަވެސް އެ މީހުން ތަހުގީގު މަރުހަލާއަށް ހާޒިރު ކުރުމުން ދައްކާނެ ވާހަކައެއް ނޯންނަ ކަމަށެވެ.
ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން އުޅުނު މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރަން އުޅުނު ކޯޓު އަމުރުގެ ކޮޕީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރު ތައްޔާރު ކުރީ ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނު ހައްޔަރު ކުރުމަށް ކަމަށެވެ.
"އެ އަމުރުގައި މި ބުނަނީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގެ ނަން ބުނެފައި އެބަ އޮތް. އެ މައްސަލަ ބަލަމުންދާ ކޮންމެ ވެސް މީހެއްގެ ނަން ޖަހާފައި މި ބުނަނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއިން އެދެނީއޭ ރައީސް ޔާމީން ހައްޔަރު ކުރުމަށް ވަގުތީ އަމުރެއް ނެރެދޭށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ފުލުހުންގެ އިދާރާއިން ރައީސް ޔާމީން ހައްޔަރު ކުރާކަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މެދުވެރިއެއް ނުކުރާނެ. މިވަރު ކަންތައް ކުރާ މީހުން ދިވެހިރާއްޖޭގައި މިއުޅެނީ،"