08 Feb 2016, 20:41
ނ. ކުޑަފަރީގައި ސަރުކާރުން ތަރައްގީކޮށްދިން ބަނދަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ކުޑަފަރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
އެ މަޝްރޫއަކީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު 17 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. 31 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ ބަނދަރުގެ ފުޅާމިނުގައި 200 ފޫޓު ހުންނަ އިރު، ދިގުމިނުގައި 500 ފޫޓު ހުރެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ނ. އަތޮޅަކީ އެމަނިކުފާނަށް ހާއްސަ އަތޮޅެއް ކަމަށާއި ބަޖެޓުން ތަންދިން ވަރަކުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ އެކިއެކި މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ކުރީގައި ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންގޮސް މުޅިރާއްޖެ ތަރައްގީ ކުރުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑިއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ، ގައުމަށް ގައްދާރުވެ ބަޔަކު ގައުމު ހަލާކުކުރަން މަސައްކަތްތަކެއް ފާޅުގައި ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތްތަކަށް ގައުމުގެ ރައްޔިތުން ޖާގަ ނުދޭނެ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ދައްކާނެ ކަމަށެވެ.
އެގޮތުން ނ. އަތޮޅުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫތަކެއް ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ނ. އަތޮޅުގައި އެއާޕޯޓެއް ހަދާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ކުޑަފަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑިއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ ހަލީމް އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ.