08 Feb 2016, 19:07
ނ. އަތޮޅު މާފަރުގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތް މިހާރު އެ މަސައްކަތާ ހަވާލުވެގެން އުޅޭ ކުންފުންޏަށް އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އެ މަސައްކަތް އެހެން ކުންފުންޏަކަށް ހަވާލުކުރަން ރައީސް ޔާމީން ނިންމަވައިފި އެވެ.
އެމަނިކުފާނު އެގޮތަށް އެކަން ނިންމެވިކަން އިއުލާނުކުރެއްވީ، މިހާރު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ނ. ކުޑަފަރީ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު މާފަރު އެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްގެން އުޅޭ ކުންފުނިން އެ މަސައްކަތް ފުރިހަމައަށް ގެންދާނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު އެއާޕޯޓް ނަންގަވައިގެން އެ އުޅުއްވާ ބޭފުޅުންނަށް އެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަކަށް. އަދި އެބޭފުޅުން އެބަ އެބޭފުޅުންގެ އަމިއްލަ އުފެއްދުމުން ނަމަވެސް ޝަރީއަތުގެ މަރުހަލާތަކެއް ކަޑައްތުކުރަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ޝަރީއަތުގެ އެ މަރުހަލާތައް ނިންމުމަށްފަހު، މާފަރު އެއާޕޯޓާ ހަވާލުވެގެން އުޅޭ ކުންފުންޏަށް ކައިރި މުސްތަގުބަލެއްގައި އެ އެއާޕޯޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު އެނބުރި މާދަމާ މާލެއަށް ގޮއްސަ، ވީހާ އަވަހަކަށް މާފަރު އެއާޕޯޓްގެ މަސައްކަތް އެ މަސައްކަތް އެންމެ ރަނގަޅަކަށް ކުރެވޭނެ، އަޅުގަނޑާ މާފަރުގެ ރައްޔިތުން ލެޓްޑައުން ނުކުރާވަރުގެ ބަޔަކާ ހަވާލުކޮށްގެން އެއާޕޯޓް ނިންމުމުގެ މަސައްކަތަށް އަޅުގަނޑު އިސްކަން ދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް (އެމްސީއެމް)އާ އެވެ. މާފަރު އެއާޕޯޓް ހަދަން ފުރަތަމަ އިއުލާން ކުރީ ރައީސް މައުމޫނުގެ ސަރުކާރުގައި 2007 ވަނަ އަހަރުއެވެ. ނަމަވެސް ވެރިކަން ބަދަލުވެ 2008 ވަނަ އަހަރު އެ އެއާޕޯޓް ހެދުމުގެ މަސައްކަތް ހަވާލުކުރީ ނޫނު ހޮޓެލްސްއާ އެވެ.
އޭރު އެ ޕްރޮޖެކްޓް ހަވާލުކުރީ މާފަރުގެ ނަރުދަމާއި ބަނދަރުގެ މަސައްކަތާއި އެކުގައެވެ. އަދި އެ ޕްރޮޖެކްޓް ތަކުގެ ބަދަލުގައި މާފަރު ކުރިމަތީ އޮންނަ ފަޅު ރަށެއް އެ ކުންފުންޏަށް ދޭން އޭރުގެ ސަރުކާރުން ނިންމިއެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓްތަކަށް ދެ ފަޅުރަށްތައް ލިބޭނެ ކަަމަށް ޕްރޮޖްކްޓް ހިންގި ކުންފުނިން ބުނެ ޚިޔާލުތަފާތުވުމުން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ޕްރޮޖެކްޓް ގެ އެއްބަސްވުން ބާތިލް ކުރިއެވެ.