އަންޞާރު އިބްރާހިމް (އަންކޮ) ޖެހި ދެ ލަނޑާއެކު ސްރީ ލަންކާގެ މައްޗަށް 3-1 ނަތީޖާއަކުން ކާމިޔަބު ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ އިވެންޓްގެ ސެމީ ފައިނަލްގެ ފުރުސަތު ރާއްޖެއިން ބޮޑުކޮށްފިއެވެ.

ސެމީގެ ފުރުސަތު ރާއްޖެއިން ތަނަވަސް ކުރީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާއެކު ގުރޫޕްގެ ކުރި ރާއްޖެއަށް ލިބުމުންނެވެ.

ދެ ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ލަންކާއެވެ.

މިއަދުގެ މެޗްގައި ރާއްޖޭގެ ފުރަތަމަ ލަނޑު މެޗްގެ ދިހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ނާޝިދު (ނާއްޓޭ) އެވެ.

ރާއްޖޭގެ ދެވަނަ ލަނޑު އަންކޮ ޖެހީ 28 ވަނަ މިނެޓްގައެވެ. އަދި އަންކޮ އޭނާ މި މެޗުގައި ޖެހި ދެ ވަނަ ލަނޑު، ރާއްޖޭގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ 58 ވަނަ މިނެޓްގައެވެ.

ލަންކާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މުހައްމަދު ރިފްނަސްއެވެ.

ބުދަ ދުވަހު ރާއްޖެ ކުޅޭނީ އިންޑިއާ ދެކޮޅަށެވެ. އެމެޗު އެއްވަރު ކޮށްލައިގެން ނަމަވެސް ރާއްޖެ ސެމީއަށް ދެވޭނެއެވެ. ނަމަވެސް އިންޑިއާއަށް ސެމީއަށް ދެވޭނީ ތިން ލަނޑުގެ ތަފާތުން ރާއްޖެ އަތުން މޮޅުވުމުންނެވެ.

މަސްދަރު:ހަވީރު