08 Feb 2016, 16:17
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަބްސިޑީ ކަނޑާލައި ކަރަންޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލަކީ އިސްލާހީ، ހެޔޮ އިގްތިޞާދީ ނިންމުމެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނ. ހޮޅުދޫގެ ނަރުދަމާގެ ހިދުމަތް ފެށުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަބްސިޑީން ކަނޑާލި ފައިސާ ހޭދަކުރާނީ ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓް އަދި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.
އޭގެ އިތުރުންވެސް ސަބްސިޑީއަށް ކޮންމެ އަހަރަކުވެސް ބަޖެޓުން ކުރަންޖެހޭ ހޭދަ ދެން ކުރަން ނުޖެހުމުން ރިކަރަންޓު ހަރަދުތައް ކުޑަވެ ތަރައްގީގެ މަޝްރޫއުތައް އިތުރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ރައްޔިތުން އުފާކުރަން ޖެހޭ ބަދަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލާ އެކު ސަބްސިޑީ ކަނޑާލާފައިވާ އިރު، ކޮންމެ މަހެއްގެ ބިލަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނެ އެވެ. އެ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ.