ކެންސަރު ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ހެލްތު މިނިސްޓްރީ އާއި އެލައިޑު އިންޝުއަރެންސް ކުންފުންޏާ ދެމެދު އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ކެންސަރަށް ހޭލުންތެރި ކުރުވުމަށް ހެލްތު މިނިސްޓްރީ އާއި އެލައިޑު އިންޝުއަރެންސް އާ ދެމެދު ވެވުނު އެއްބަސް ވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އެލައިޑު އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަމީލު އެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ރަޒާނާ ފާއިޒު މިއަދު ސަން އަށް ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމްތައް އަތޮޅުތެރެ އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮގުރާމްގެ ތެރެއިން ޕަބްލިކަށް ކިޔާލަދެވިގެން ދާނެ މިސާލަކަށް އުރަމަތީ ކެންސަރެއް ވެއްޖެއްޔާ ސްކްރީން ކުރަން ޖެހޭނެ ގޮތް ގޮތާއި ކިތައް އަހަރު ތެރޭގައި ކަމާއި ކޮން އުމުރުފުރާއެއްގެ މީހުން ކަމާ." ޑރ.ރަޒާނާ ވިދާޅުވި އެވެ.

ރަޒާނާ ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމުގައިވީ ނަމަވެސް، ތަޖުރިބާ އަށް ބަލާފައި ޕްރޮގުރާމް އިތުރަށް ކުރިއަށް ގެންދިއުމަށް ކަންތައްތަކެއް ރޭވިގެންދާނެ ކަމަށެވެ.