ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދޭންޖެހޭ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިއަދު ތަސްމީންގެ މައްޗަށް އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް ކުރައްވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ނާޒިމްގެ އަތުން ތަސްމީން 1،920،000ރ. ނަގާފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކާއި ދެ ފަރާތުގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ އާއި މި މައްސަލައިގައި ނާޒިމް ގާނޫނީ ވަކީލެއް އައްޔަން ކުރުމުން ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 1،800ރ. އާއެކު ޖުމްލަ 1،921،800ރ. އަކީ ތަސްމީންގެ ފަރާތުން ނާޒިމަށް ދޭންޖެހޭ ފައިސާއެއް ކަމުގައި ގާޒީ ވިދާޅުވި އެވެ.

"...މި ފައިސާ އަހުމަދު ނާޒިމަށް އަނބުރާ ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭވަރު މި ކޯޓަށް ދައްކަމުން ގޮސް މި ފައިސާ އެ މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކާ ހަލާސް ކުރުމަށް ހ. ރުވާމާގޭ އަހުމަދު ތަސްމީން އަލީއަށް އަންގައި ހުކުމްކޮށްފިން،" ގާޒީ ވިދާޅުވި އެވެ.

ހުކުމް އިއްވެވުމުގެ ކުރިން ގާޒީ ވިދާޅުވީ ތަސްމީން ނެންގެވި ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް ދެ ފަރާތުން ބުނާ ގޮތަކީ ވެސް ތަފާތު ދެ ގޮތް ކަމަށެވެ. އެކަމަކު އެކަން ސާބިތު ކުރެވޭނެ ހެއްކެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަރީއަތުން ދެކޭ ގޮތުގައި އެ ފައިސާ އަނބުރާ ދެއްކުމަށް ދެ ފަރާތުން ވެސް އެއްވެސް ގޮތަކަށް އެއްބަސްވެފައިނުވާ ކަމަށެވެ.

މީގެ އިތުރުން ގާޒީ ވިދާޅުވީ ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަތަކުގައި ފިޔަވައި އެހެން މަދަނީ މައްސަލަތަކުގައި ވަކީލުންނަށް ފީ ނަގައިދިނުމާ ބެހޭ ގޮތުން މިހާތަނަށް ގަވާއިދެއް ހެދިފައިނުވާ ކަމަށެވެ. އެކަމަކު "ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީއަތުން ނަގައިދިނުމާ ބެހޭ ގަވާއިދު" އަށް ރިއާޔަތްކޮށް އެހެން މަދަނީ މައްސަލަތަކުގައި ވެސް ވަކީލުގެ ފީ ހޯދުމަށް އެދިފައިވާ ނަމަ އެ އުސޫލުން ނަގައިދެވޭނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިވިލް ކޯޓުގެ އެހެން މައްސަލައެއްގައި ވެސް މީގެ ކުރިން ވަކީލުގެ ފީ ނަގައިދީފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީއަތުން ނަގައިދިނުމާ ބެހޭ ގަވާއިދަށް އަމަލު ކުރުމުގެ އުސޫލުގައި ބަޔާންކޮށްފައި ވަނީ ވަކީލަކު އައްޔަންކޮށްފައިވާ ނަމަ ނަގައިދެވޭނެ ހަރަދަކީ ކޮންމެ އަޑުއެހުމަކަށް 300ރ. ކަމަށެވެ.