ގައުމެއްގައި ހަމަޖެހުމެއް ނެތް ނަމަ އެ ގައުމަކަށް ދުވަހަކު ވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫ ނަރުދަމާގެ ޚިދުމަތް ފަށައި، އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ހޮޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމެއްގައި ހަމަޖެހުމެއް ނެތިއްޔާ ދައުލަތުން ރަށެއްގެ ތަރައްގީއަށް ކުރާ މަސައްކަތް ވާނީ ބޭކާރު މަސައްކަތަކަށް ކަމަށެވެ.

"ހަމަޖެހުމެއް ނެތްތަނެއްގައި އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ހަމަ އެއްގޮތަކަށް ވެސް ނޯންނާނެ. ބޮޑު ހިލަވެސް ޖައްސާނެ. ހަމަޖެހުން ނެތިއްޔާ އަނެއް ދުވަހު ބޮޑު ހިލަ ފަނަރަ މީޓަރު އަޑިއަށް ދާނެ. ނަރުދަމާ އަޅާނީ، ހަމަޖެހުން ނެތިއްޔާ އަނެއް ދުވަހު ނަރުދަމާ އަޅާފައި އޮތް ތަނެއް ހަލާކުވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގައި ދިމާވާ ތަފާތު އެތައް ކަންތައްތަކުގެ ސަބަބުން އެ ރަށްރަށުގެ ތަރައްގީ އަށް ސަރުކާރުތަކުން ކޮށްދީފައިވާ އެތައް މަސައްކަތެއް ހަލާކުވެފައިވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ދެވޭ ގެއްލުމަކީ ކިހާ ވަރެއްގެ ގެއްލުމެއްކަން ގެއްލުންދޭ ރައްޔިތުންނަށް އިހުސާސް ނުކުރެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިތައް ރަށުގައިތޯ ކަރަންޓު ކޭބަލް ވަޅުލީ. ކިތައް ރަށުގައި ދިމާވި މައްސަލައާ ހެދި ކަރަންޓު ކޭބަލްތައް ބުރިކޮށްފައިތޯ ހުރީ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުގެ އިތުރުން އިޖުތިމާއީ ހަމަޖެހުމަކީ ވެސް އެމަނިކުފާނުގެ ސަރުކާރުގައި އިސްކަން ދެމުން އަންނަ ކަމެއް ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ބީވެގެން ގޮސްފައިވާ ރީތި އާދަތައް އަލުން އަނބުރާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ރައީސް ޔާމީން ސަރުކާރުގެ އިސްކަމެއް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.