ކޮލްކަޓާ (ފެބްރުއަރީ 8): ޕްރައިމަރީ ސްކޫލުގައި މައިންބަފައިން ނުވަތަ އާއިލާ ސިފަކޮށްދޭން ބުނުމުން ގިނަ ކުދިން ލިޔާނީ މަންމައާއި ބައްޕައާ އެކު ކުރާ އުފާވެރި ކަންތައްތަކުގެ ވާހަކަ އެވެ. ނަމަވެސް، އިންޑިއާގެ ކޮލްކަޓާގެ ސްކޫލެއްގައި ކިޔަވަމުންދާ 10 އަހަރުގެ ދަރިވަރަކު އެކުއްޖާގެ އާއިލާ ސިފަކޮށްދިނީ އެކުއްޖާގެ ޓީޗަރަށް ސިހުން ލިބުނު ގޮތަކަށެވެ.

"އަހަރެންގެ ބައްޕައަކީ ގޯސް މީހެއް. މަންމައަށް ބައްޕަ އަނިޔާކުރޭ. މަންމަ އާއި އަޅުގަނޑު ކޮންމެ ރެއަކު ރޮން. އެއްވެސް މީހަކު އަހަރުމެންނަށް އަޅާނުލާ. ބޮޑު ބޭބެ ވެސް އަހަރުމެންނަށް ބީރު ކަންފަތެއް ދީފައި. ބައްޕަ އަހަންނަށް ވެސް އަނިޔާކުރޭ. އެއީ އަހަރެންގެ އާއިލާ،" ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ އަންހެން ކުއްޖާގެ މަޒުމޫނުގައިވެ އެވެ.

"އަހަރެން ބޮޑުވުމުން އަހަރެންގެ ބައްޕައާ ދުރަށް މަންމަ ގެންދާނަން،" މަޒުމޫނު ނިއްމާލީ އެކުއްޖާގެ އަމިއްލަ މަސައްކަތުން މަންމަ އަނިޔާ އިން ސަލާމަތް ކުރާނެ ކަމުގެ ވައުދާ އެކު އެވެ.

އެމަޒުމޫން ކިޔާލުމަށް ފަހު މަސައްކަތް ހަވާލު ކުރި ޓީޗަރު ވަނީ މައްސަލަ ސްކޫލްގެ ޕްރިންސިޕަލަށާއި ކައުންސިލަރަށް އަންގާފަ އެވެ. އަދި އެ ކުއްޖާގެ މައިންބަފައިން ސްކޫލަށް ހާޒިރުކޮށްފަ އެވެ. ސްކޫލް ކައުންސިލަރު ލަފާ ދެއްވީ ދެމީހުން ވަކިވާން ނުވަތަ ބައްޕަގެ އަމަލުތައް ރަނގަޅު ކުރަންދެން ދެމީހުން ވަކިން ދިރިއުޅުމެވެ.

ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ދިރިއުޅުމުގައި ހިނގާ ބައެއް ކަންތައްތައް އެންމެ ގާތް މީހުންނާ ވެސް ހިއްސާ ކުރަން އުނދަގޫވާނެ ފަހަރު އަންނާނެ އެވެ. އެފަދަ ވަގުތުތަކުގައި އެ އިހުސާސްތައް ލިޔެލުމަކީ ކުރެވިދާނެ ކަމެކެވެ. (ޓައިމްސް އޮފް އިންޑިއާ)