ކޮންޓެކްޓް ލެންސުން ކޮމްޕިއުޓަރު ސްކްރީން ދައްކުވައިދޭ ހާއްސަ ޓެކްނޮލޮޖީއެއް އޮސްޓްރޭލިއާގެ ފިއުޗާ އިންޑަސްޓްރީސް އިންސްޓިޓިއުޓްގެ ސައިންޓިސްޓުން އުފައްދައިފި އެވެ.

އެ އިންސްޓިޓިއުޓްގެ ސައިންޓިސްޓުން ބުނެފައި ވަނީ އިންސާނުންގެ ލޮލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮންޓެކްޓް ލެންސުގައި އެ ޓެކްނޮލޮޖީ އިމްޕްލިމެންޓް ކޮށްފައި ވަނީ ކަރަންޓު ކޮންޑަކްޓް ކުރާ ޕޮލިމާ އެއް ބޭނުންކޮށްގެން ކަމަށެވެެ. އެ ޕޮލިމާގެ ފަށަލައެއް ލެންސުގައި އެޅުވުމުން ކަރަންޓު ކޮންޑަކްޓް ކުރާ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.

އެ ޕޮލިމާގެ ފަށަލައިގެ ސަބަބުން ލެންސުގައި ކުޑަ ވަރެއްގެ ކަރަންޓު ސާކިޓެއް އުފެއްދޭ ކަމަށް ސައިންޓިސްޓުން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން އެ ލެންސު ސްކްރީނެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ.

ސައިންޓިސްޓުން ބުނި ގޮތުގައި އެ މަސައްކަތަކީ ދެ އަހަރު ދުވަހު އަމަލީ މަސައްކަތުން ކާމިޔާބުވި މަސައްކަތެއް ކަމަށާއި އެކަމުގެ ދިރާސާއަށް 10 އަހަރު ހޭދަވެފައި ވާ ކަަމަށެވެ.

އެ މަސައްކަތުގެ އެސޯސިއޭޓް ޕްރޮފެސަރު ޑްރޫ އެވަންސް ވިދާޅުވީ، އެ ލެންސުގެ ސެންސަރަށް ކަރަންޓު ދިނުމަށް އިންސާނާގެ ލޭގައި ހުންނަ ގުލްކޯޒް މައިގަނޑު ރޯލެއް ކުޅޭނެ ކަމަށެވެ.

"އެހެންވީމަ ގޫގަލް ގްލާސްފަދަ ޑިވައިސްތަކާ ހިލާފަށް މި ލެންސުގެ އެހީގައި ފޮޓޯތަކާއެއްޗެހި ސީދާ ލެންސުން އުފައްދައި ދައްކާނެ. ގޫގަލް ގްލާސް މަސައްކަތް ކުރާނީ ކޮމްޕިއުޓަރެއް ފަދައިން،" އެވަންސް ވިދާޅުވި އެވެ.