ދައުލަތަށް ފައިސާ ލިބޭނެ އިތުރު މަގުތައް ތަނަވަސް ވެއްޖެ ނަމަ އަންނަ ޖޫން މަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫގެ ނަރުދަމާގެ ހިދުމަތް ފެށުމާއި ގޮނދުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހޮޅުދޫގެ އެކި ހިސާބުތައް އަޑިވެފައި އޮތުމުން އެ މަސައްކަތް މިއަހަރު ބަޖެޓު ކުރެވުނު ކަމަށެވެ. ނަމަވެސް ބޮޑެތި މަޝްރޫއުތަކަށް ޖާގަ ދިނުމުގެ ގޮތުން އެ މަޝްރޫއުއަށް ހިމެނުނު ފައިސާ އުނި ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންނަމަވެސް އެފަދަ މަޝްރޫއުތައް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޝްވަރާ ކުރެވުނު އިރު އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވާ މިންވަރަކުން ބަލާފައި ނޫނީ އަޅުގަނޑުމެންނަށް ފައިސާ ލިބޭނެ ވަސީލަތްތައް އިތުރުވާ ކަމަށް ގަބޫލު ކުރެވޭ ނަމަ މި އަހަރުގެ މެދެއްހާ ހިސާބުގައި ނުވަތަ ޖޫން މަހުގެ ތެރޭގައި އާ ބަޖެޓެއް މަޖިލީހަށް ހުށަހަޅާނަމޭ. އަޅުގަނޑުމެން ސަރުކާރުން ވިސްނައިގެން މިހުރީ މި ދެންނެވި ސަޕްލިމެންޓްރީ ބަޖެޓު ނުވަތަ އާ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ހޮޅުދުއަށް ފައިބައިވަޑައިގަންނަވަނީ: ހޫނު މަރުހަބާއެއް ދެންނެވި --

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތަރައްގީގެ އެންމެ ބޮޑު މަސައްކަތަކަށް ކުރެއްވި ކަމަކީ 24 ގަޑި އިރު ދިވެހި ރައްޔިތުންނަށް ކަރަންޓު ޔަގީން ކޮށްދިނުން ކަމަށެވެ. އަދި އެކަމަކީ ދިވެހި ތާރީހުގައި އެފަދަ ކަމެއް ކުރެވިގެން ދިޔަ ފުރަތަމަ ފަހަރުކަން ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރެއްވި އެވެ.

"ރަށްރަށުގެ ތަރައްގީއަށް ބަލައިފި ކަމަށް ވަނީ ނަމަ އަޅުގަނޑުމެން ބަލަންޖެހޭނީ ރާއްޖޭގެ އާބާދީ އަށް އަންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ. ޝައްކެއް ވެސް ނެތް ގޮތުގައި އާބާދީއަށް އަންނަ ބަދަލުތަކުގެ ތެރޭގައި އާބާދީ އިތުރުވާ ވާހަކަ ދަންނަވާކަށް ނުވެސް ޖެހޭ. އެހެންނަމަވެސް ދަންނަވާލަން މިއުޅެނީ ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލު ސިޔާސީ މީހުން ނޫނިއްޔާ ދައުލަތް ހިންގަން ތިބޭ މީހުންގެ ވިސްނުމަށް ގެންނަން ޖެހޭ ކަމަކީ އާބާދީގެ ގިންތިތަކަށް ނުވަތަ އުމުރުފުރައަށް އަންނަ ބަދަލު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންކަން ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ކޮށްދޭންވާނެ ކަމަށެވެ.