08 Feb 2016, 17:21
ކައްޓަލަ އަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ބޭނުން ކުރަމުން އަންނަ ފަލަމަޑީގެ ބާވަތަކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ފަސޭހަކަމާ އެކު ލިބެން ހުންނަ އެ ކާނާ އަކީ އެއް ޒަމާނެއްގައި އަހަރުމެންގެ ކާބަފައިން ވެސް ބަރޯސާވި ކާނާ އެކެވެ.
މީރު ފޮނި ރަހައެއް ދޭ ކައްޓަލައަކީ، އެކި ގޮތްގޮތަށް ވެސް ބޭނުން ކުރެވިދާނެ ކާނާ އެކެވެ. އެގޮތުން ފިހެގެންނާއި ފެނު ކައްކައިގެން ވެސް ކައްޓަލަ ބޭނުން ކުރެވިދާނެ އެވެ. މީރު ރަހައާ އެކު ކައްޓަލަ އަކީ ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި ކާނާ އެކެވެ.
ބީޓާ ކެރޮޓީން އިން މުއްސަނދިވެފައިވާ ކާނާއެއް
ކައްޓަލަ އަކީ ވިޓަމިން އޭ އިންނާއި ބީޓާ ކެރޮޓީން އިން މުއްސަނދިވެފައިވާ ކާނާ އެކެވެ. ތަފާތު ވައްތަރުގެ ކެންސަރު ބަލިތަކުން ހަށިގަނޑު ދިފާއު ކުރުމަށް ވިޓަމިން އޭ މުހިއްމު ވާއިރު، ބީޓާ ކެރޮޓީން އަކީ ނުރައްކާތެރި ދޯދިތަކުން ހަންގަނޑު ދިފާއު ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ހަޖަމު ކުރުމުގެ ނިޒާމަށް ވެސް މުހިއްމު ކާނާ އެއް
ކައްޓަލައިގައި ޑައެޓްރީ ފައިބާ ވެސް އެކުލެވިގެން ވެ އެވެ. ޑައެޓުރީ ފައިބާ އަކީ ހަޖަމް ކުރުމުގެ ނިޒާމު ރަނގަޅު ގޮތުގައި މެއިންޓެއިން ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
މެންގަނީސް އެކުލެވޭ ކާނާ އެއް
މެންގަނީސް އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ހެޔޮވަރު ކުރުމުގެ ގޮތުން ކަބޯހައިޑްރޭޓްސް މެޓަބޮލައިޒް ކުރުމަަށް ވަރަަށް މުހިއްމު މިނެރަލް އެކެވެ. ކައްޓަލަ އަކީ މެންގަނީސް ވެސްއެކުލެވޭ ކާނާ އެކެވެ.
ވިޓަމިން ސީ އަދި ވިޓަމިން އީ
ކައްޓަލައިގައި ވިޓަމިން ސީ އާއި ވިޓަމިން އީ ވެސް އެކުލެވިގެންވެ އެވެ. އެ ދެ ވިޓަމިން އަކީ ބަލިތަކުން ހަށިގަނޑު ރައްކާތެރި ކުރުމަށް މުހިއްމު ދެ ވިޓަމިން އެކެވެ. އަދި ދުޅަހެޔޮ ހަންގަނޑަކާއި އިސްތަށިގަނޑަށްވެސް އެ ދެ ވިޓަމިން ވަރަށް މުހިއްމެވެ.
މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް