ނ. ހޮޅުދޫ ނަރުދަމާގެ ޚިދުމަތް ފަށައި، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ.

އެ ދެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ހޮޅުދޫ ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލު ކުރެވިގެން ދިޔައީ މާލޭ ވޯޓާ އެންޑު ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށެވެ. އަދި 2014 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ ފަށާފަ އެވެ.

ސަރުކާރުގެ ބަޖެޓުން 50.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގުނު އެ މަޝްރޫއުގެ ދަށުން ހޮޅުދޫގެ އާބާދީއަށް ފެތޭ ނަރުދަމާއެއް އެމްޑަބްލިއުއެސްސީން ވަނީ ޑިޒައިން ކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަސައްކަތް ނިމުނުއިރު ދެ ޕަމްޕް ސްޓޭޝަން ގާއިމްކޮށްފައިވާ ކަމަށެވެ. 5865 މީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެމްޑަބްލިއުއެސްސީން ބުނީ، ނަޖިސް ބޭރު ކުރުމަށްޓަކައި 170 މީޓަރު ދުރު ރާސްތާއަކަށް ސީ އައުޓް ފޯލް ހޮޅި އަޅާފައިވާނެ ކަމަށެވެ.

ހޮޅުދޫ ނަރުދަމާގެ ޚިދުމަތް ފަށައި، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަރުބާރު --

ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ 23.8 މިލިއަން ރުފިޔާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ.

އެމްޓީސީސީން ބުނީ ހޮޅުދޫގައި ގިރާ ތިން ސަރަހައްދަކަށް 2788 ފޫޓުގެ ބޮޑު ހިލައިގެ ބޭރު ތޮށްޓަކާއި ރިވެޓްމަންޓެއް ޖަހާފައިވާ ކަމަށެވެ. އެ މަސައްކަތް އެމްޓީސީސީން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ނިންމާލާފަ އެވެ.