21 Apr 2011, 15:11
ރައްކާތެރިކަން ލިބެންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ނުލިބި، ޖިންސީ އަނިޔާގެ ޝިކާރައަކަށް އެ ފަރާތްތައް ވުމުގެ ސަބަބުން މުޅި މުޖްތަމައަށް ނުބައި އަސަރު ކޮށްފައި ވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
ސ. ހިތަދޫގައި އަތިރިމައްޗަށް ދިޔަ އުމުރުން 74 އަހަރުގެ އަންހެނެއްގެ ޢިއްފަތްތެރިކަން ފޭރި ގަނެ، ބޮޑެތި ޒަހަމްތައް ދިނުމާއި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށް އެޗްއާރުސީއެމް ނެރުނު ނޫސްބަޔާނުގައި ބުނަނީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް މުޖްތަމަޢުގައި ލިބިދޭންޖެހޭ ރައްކާތެރިކަން ނުލިބި، އެކަމުގެ އަސަރު، އެ ފަރާތްތަކަށާއި މުޅި މުޖްތަމަޢުއަށް ކޮށްފައި މިވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށް ކަމަށެވެ.
އަދި މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދީ އެތައް ބައެއްގެ ދިރިއުޅުމުގެ ޙައްޤަށް އަރައިގަންނަމުން ދާތީ އެފަދަ އަމަލުތައް ވެސް އެ ކޮމިޝަނުން ވަނީ ކުށްވެރި ކޮށްފަ އެވެ.
"... އަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތައް ހޯދާ، ތަޙްޤީގުކޮށް ޤާނޫނީ ގޮތުން ލިބެންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މި ކޮމިޝަނުން ގޮވާލަމެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވައި މިފަދަ ކަންކަމުން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް ރައްކާތެރި ވެއްޓެއް ޤާއިމްކުރުމަށް ސަރުކާރާއި، ދަޢުލަތުގެ މުޢައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، އެންމެހާ ރައްޔިތުން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުމަށް ވެސް ގޮވާލަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނަނީ ނުރައްކާތެރި ކުށްވެރިން މުޖްތަމައަށް ދޫކޮށްލާފައި ތިބުމުގެ ސަބަބުން އިތުރު ކުށްތަކަށް އަރައިގަންނަމުން ދާއިރު ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް ތަންފީޒީ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާކަން ކަމަށެވެ.