08 Feb 2016, 13:42
އއ. މަތިވެރީގައި ހަދާފައިވާ ފުޓްސަލް ދަނޑުގެ ބިން އެރަށު ކައުންސިލުން ޔޫތު މިނިސްޓްރީއަށް ރަޖިސްޓްރީ ކޮށްދީފައިނުވާތީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ޔޫތު މިނިސްޓްރީން އެ ބިމާ ހަވާލުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުޓްސަލް ދަނޑުގެ ބިން ރަޖިސްޓްރީ ކޮށްދިނުމަށް އެދި އެމިނިސްޓްރީން ތަކުރާރުކޮށް މަތިވެރި ކައުންސިލަށް ދަންނަވާފައިވާނެ ކަމަށެވެ.
ނަމަވެސް އެކިފަހަރު މަތިން އެދުމުންވެސް ދަނޑު ރަޖިސްޓްރީކޮށްދީފައި ނުވުމުން އެމިނިސްޓރީން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީއިން އެ ދަނޑު ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިކަމާ ބެހޭގޮތުން މަތިވެރި ކައުންސިލްގެ ނައިބުރައީސް އަހްމަދު އަސްލަމް ވިދާޅުވީ، ޔޫތު މިނިސްޓްރީން އެގޮތަށް އެދިފައި ވީނަމަވެސް ލާމަރުކަޒީ ޤާނޫނާ ހަވާލާދީ ކައުންސިލުން ނިންމާފައިވަނީ މަތިވެރީގެ ހުސްބިންތަކާއި އެފަދަ ތަންތަނަކީ ކައުންސިލުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށެވެ.
އަދި އެ ދަނޑު ބަލަހައްޓައި އެ ދަނޑުގެ ބޭނުން ރަށުގެ ޒުވާނުންނަށް ހިފޭނެ އިންތިޒާމު ކައުންސިލަށް ހަމަޖެއްސޭނެ ކަމަށްވެސް އެކައުންސިލުން ޔޫތު މިނިސްޓރީއަށް އަންގާފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ފުޓްސަލް ދަނޑު ދޫކުރުމާއި އެތަނުން ލިބޭފައިސާ ކުރިން ނަގަމުން ދިޔައީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ޔުނިއަސް ސްޕޯޓްސް ކުލަބު ކަމަށާއި، އެހެންވެ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބިމަކުން ޖަމިއްޔާއަކުން އެކަން ކުރަމުންދާތީ އެކައުންސިލުން އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅި ކަމަށެވެ.
އެއަށްފަހު އޭސީސީއިން މައްސަލަ ބަލައި ކައުންސިލަށް އަންގާފައިވަނީ ފުޓްސަލް ދަނޑު ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްގެން ޚިދުމަތް ދިނުމަށް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"އެންޓި ކޮރަޕްޝަނުން އެންގި އެންގުމާ ގުޅިގެން އަޅުގަނޑުމެން ވާނީ އެދަނޑު ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެސްފައި. އަދި އެތަނުން ޚިދުމަތް ދެމުން ދިޔައީ ކައުންސިލުގެ ބެލުމުގެ ދަށުން އެގޮތަށް ހިނގަމުން ދަނިކޮށް ހައުސިންގ މިނިސްޓްރީން ކައުންސިލަށް އެންގީ ފުޓްސަލް ދަނޑު މިހާރު ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށް،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ޤާނުނު ބާރު ކަނޑުވާލުމަށް ހައުސިން މިނިސްޓްރީން ކޮށްފައިވާ ކަމެއްކަމަށް ދެކޭ ކަމަށެވެ.
މަތިވެރި ފުޓްސަލް ދަނޑަކީ ވިލާ ފައުންޑޭޝަނާ ގުޅިގެން އިމާރާތްކޮށްފައިވާ ފުޓްސަލް ދަނޑެކެވެ.