08 Feb 2016, 13:58
މާލޭގެ ހުޅަނގުފަރާތުގައި ރޭ ހުޅުވި އާޓިފިޝަލް ބީޗު، "ރަސްފަންނު"ގެ ފެންގަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ފެންގަނޑު އެއް އަހަރު ވަންދެއް ތަހުލީލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްފަންނު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މެދުކެނޑުމެއް ނެތި އަހަރެއް ވަންދެން އާ އާޓިފިޝަލް ބީޗުގެ ފެންގަނޑުގެ ރައްކާތެރިކަން ބެލުމަށް ތަހުލީލުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މި ސަރުކާރަކީ ޒިންމާދާރު ސަރުކާރެއް. އަޅުގަނޑުމެން އާޓިފިޝަލް ބީޗުގެ ފެންގަނޑު އަހަރެއް ވަންދެއް ޓެސްޓު ކުރުމަށް ހަމަޖައްސާފައިވަނީ ސިއްހީ ގޮތުން އެއްވެސް ނުރައްކަލެއް އެ ފެންގަނޑުގައި ހުރިތޯ ބެލުމަށް،" މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ، މީގެ ކުރިން ވީރާނާކަން ފެންނަން އޮތް އެސަރަހައްދުން ދިރުމާއި އުފާވެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
"މި މައިދާނުން ދައްކުވައިދޭނީ ދެ ޒަމާން، އިހާއި ފަސް، ދުރުން ފެންނައިރު މި އަތިރިމަތިން ސޫރަކޮށްދޭނީ ރާއްޖޭގެ ރަށެއްގެ އަތިރިމަތި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ ގޮނޑުދޮށާއި އިންވެގެން އޮންނަ އެއްގަމު މަގަކީވެސް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ހަމައެކަނި ހިނގުމަށް ބޭނުންކުރާ މަގަކަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ މަގުގައި ބަރު އުޅަނދުތައް އާންމުކޮށް ދުއްވުން މަނާކޮށްފައިވާއިރު އެކަންކަން ބެލެހެއްޓުމަށް މާލޭގައި ފުރަތަމަ ފަހަރަށް "ފްލޯ އޮޓަމޭޓިކް ޑުރޮޕް އާމްސިސްޓަމެއް" މަގުގެ ދެކޮޅުގައި ގާއިމް ކުރެވިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފައިވާއިރު ސީސީޓީވީތައް ބޭނުންކޮށްގެން އެތަން ބެލެހެއްޓުމަށް ވަނީ ނިންމާފައެވެ.