08 Feb 2016, 13:15
އައްޑޫ ސިޓީގައި އިތުރު މަގުތަކެއް ހެދުމަށް މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދަށުން މަގުތަކުގެ ސާރވޭ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ސަން އަށް ވިދާޅުވީ، މިހާރު ސާވޭ ކުރިއަށްދާ ކަމަށާއި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭނެ މަގުތައް ބަލަމުން އަންނަ ކަމަށެވެ.
"ފޯމިއުލޭޓިން ސްޓޭޖްގައި އޮތީ. ސާވޭ ނިމުނީމާ އެނގޭނީ ކޮންކޮން މަގުތަކެއް ކަމާއި ކިތައް މަގު ކަން ޕްރޮޖެކްޓް ތެރޭގައި ހިމެނޭނީ،" މުއްތަލިބު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ މަގު ހެދުން ފޭސް 2ގެ ނަމުގައި ބަޖެޓުގައި ވަނީ މަޝްރޫއެއް ހުށަހެޅިފަ އެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫގައި ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި އައްޑޫ ސިޓީގެ ލިންކް ރޯޑު ރައްކާތެރި ކުރުމަށް މަސައްކަތްތަކެއް ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ.