ފްރާންސް ލީގްގައި އަންހެލް ޑި މާރިއާ ކާމިޔާބުކޮށްދިން ގޯލާ އެކު 2-1ގެ ނަތީޖާ އަކުން އޮލިމްޕިކިއު މާސެއިލްލާގެ މައްޗަށް ކުރިހޯދައި އެ ޓީމް ބަލިނުވެ ހަދަމުން އަންނަ ރިކޯޑް ދަމަހައްޓައިފި އެވެ.

އެ މޮޅާ އެކު 69 ޕޮއިންޓް ލިބިގެން ތާވަލުގެ އެއްވަނާގައި ޕީއެސްޖީ އޮތް އިރު ދެވަނާގައި އޮތް މޮނޯކޯ އަށް ލިބެނީ 45 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި އޮލިމްޕިކިއު އޮތީ 34 ޕޮއިންޓާ އެކު 10 ވަނާގަ އެވެ.

އޮލިމްޕިކިއުގެ ދަނޑުގައި ކުޅުނު އެމެޗު ފެށިގެން ދެވަނަ މިނެޓްގައި މެކްސްވެލް ތަނަވަސްކޮށްދިން ފުރުސަތަކުން ޒަލްޓަން އިބްރަހިމޮވިޗް ގޯލެއް ކާމިޔާބުކޮށް ޕީއެސްޖީން ވަނީ ލީޑް ނަގާދީފަ އެވެ.

ފްރާންސް ލީގްގައި އޮލިމްޕިކިއު އާއި ޕީއެސްޖީ ކުޅުނު މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު އިބްރަހިމޮވިޗް ކާމިޔާބުކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

މެޗުގެ ކުރީކޮޅުގައި ޕީއެސްޖީން ލީޑް ނެގި ނަމަވެސް ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ގެންގުޅެ އޮލިމްޕިކިއު އިން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެ ގޮތުން އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ 25 ވަނަ މިނެޓްގައި ރެމީ ކެބެއްލާ އެވެ.

ޕީއެސްޖީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އެ ޓީމުން ވަނީ ދެވަނަ ފަހަރަށް އެ މެޗުގެ ލީޑް ނަގާފަ އެވެ. އެ ގޯލު 71 ވަނަ މިނެޓްގައި އިބްރަހިމޮވިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން ޑި މާރިއާ ވަނީ ގޯލުގެ ތެރެއަށް ފިނުވާލައިގެން ޕީއެސްޖީ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.

ފްރާންސް ލީގްގައި އޮލިމްޕިކިއު އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެ މޮޅާ އެކު 24 ޕޮއިންޓްގެ ލީޑްއަކާ އެކު އޮތް ޕީއެސްޖީ އޮތް އިރު މި ސީޒަނުގައި ލީގްގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމް ބަލިވެފައެއް ނުވެ އެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ޓީމަކީ ވެސް ޕީއެސްޖީ އެވެ.