08 Feb 2016, 12:29
(4 ފެބްރުއަރީގެ އަދަދާގުޅޭ)
ޢާއްމު އިންސާނަކު، ޙަލާލު އެއްޗެއް އަމިއްލަޔަށް ޙަރާމްކުރުމާ، ނަބީބޭކަލަކު އެފަދަ ކަމެއް ކުރެއްވުމާ ވަރަށް ތަފާތެވެ. ޚާއްޞަކޮށް، އިސްލާމްދީނުގެ ނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަކީ، އެކަންކަމާ އެއްގޮތަށް ޝަރީޢަތުގެ ޤާނޫނުތައް ތަދުވީނުވަމުން އަންނަ ކަންކަން ކަމުގައިވާތީއެވެ. އެހެންކަމުން، އަރަހުށި މާތްاللّـه سبحانه وتعالىތަންބީހުގެ ގޮތުން ވަޙީކުރެއްވިއެވެ.
"އޭ ނަބިއްޔާއެވެ!اللّـهކަލޭގެފާނަށް ޙަލާލު ކުރައްވައިފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހިވަޑައިގަތުން ހޯއްދެވުމަށްޓަކައި، ކަލޭގެފާނު ޙަރާމް ކުރައްވަނީ ކީއްވެގެންތޯއެވެ؟اللّـهއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."(التّحريم: 1)
التّحريمގެ އާޔަތް ބާވައިލެއްވުމުގެ ސަބަބުއްނުޒޫލެއް ކަމުގައި ބައެއް ޢިލްމުވެރީން އެހެން ޙާދިޘާއެއްވެސް ބަޔާންކުރައްވައެވެ. އެކަމަކީ، ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ (ގިނަ ރިވާޔަތްތަކުގައި ވާގޮތުން، ޖާރިޔާއެއް ކަމުގައިވާ)السيّدة مارية القبطيّةرضى اللّـه عنــهاއެކަލޭގެފާނުގެ މައްޗަށް ޙަރާމް ކުރެއްވުމެވެ. އެކަން ކުރެއްވީ،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއާއި،أمّ المؤمنين السّيّدة حفصة رضى اللّـه عنــهاގެ ބާރުއެޅުއްވުމުގެ ސަބަބުންނެވެ. (ތަފްހީމުލްޤުރުއާން، ޖިލްދު: 6، ޞަފްޙާ: 16) އެވާހަކަފުޅުވެސް ވިދާޅުވިކަމުގައިވަނީ،السّيّدة حفصةގެ އަރިހުގައެވެ.
ނަމަވެސް، އިސްލާމީ ޢިލްމުވެރީންކުރެ ކުރިޔަށް ތިއްބެވި ގިނަބޭކަލުން ޞައްޙަކަމުގައި ބަޔާންކުރައްވަނީ، ކުރީން ދެންނެވި ޙާދިޘާއެވެ. އާދެ، މާމުއި ޙަރާމްކުރެއްވުމުގެ ވާހަކައެވެ.ماريةގެ ވާހަކައާމެދު ވިދާޅުވަނީ، "އިތުބާރުކުރަން އެކަށީގެންނުވާފަދަ ވާހަކައެއް" ކަމުގައެވެ.الإمام نَسَائىِވިދާޅުވާގޮތުގައި، "أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ އަރިހުން ރިވާވެގެން އައިސްފައިވާ މާމުޔާބެހޭ ޙަދީޘަކީ، ނުހަނު ޞައްޙަ ޙަދީޘެކެވެ.ماريةޙަރާމްކުރެއްވި ވާހަކަޔަކީ ރަނގަޅު ގޮތަކަށް ނަކަލުވެފައިވާ ވާހަކައެއް ނޫނެވެ."قاضى عياضވިދާޅުވެފައިވެއެވެ. "މި އާޔަތަކީ،ماريةއާ ބެހޭގޮތުން ބާވައިލެއްވި އާޔަތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މާމުޔާ ބެހޭގޮތުން ބާވައިލެއްވި އާޔަތެކެވެ. ޞައްޙަގޮތަކީ މިއީއެވެ."قاضى أبوبكر بن العربىވެސް، ޞައްޙަ ކަމުގައި ކަނޑައަޅުއްވައިފައިވަނީ، މާމުއީގެ ވާހަކައެވެ.الإمام نورىއާއިحافظ بدرالدّين عينىގެ ބަސްފުޅަކީވެސް މިއީއެވެ.إبن همام، فتح القديرގައި ވިދާޅުވެފައިވެއެވެ. "މާމުއި ޙަރާމް ކުރެއްވުމުގެ ވާހަކަ، ޞަޙީޙައިނީގައި (بخارىއާއިمسلمގައި) ޚުދުعائشةގެފާނުގެ އަރިހުން ވަނީ ރިވާވެފައެވެ. އެ ޙާދިޘާއާ ގުޅެނީ، އެކަމަނާއާއެވެ. އެހެންކަމުން، އިތުބާރުކުރަން އެކަށީގެންވާ ވާހަކައަކީ އެއީއެވެ."حافظ إبن كثيرލިޔުއްވައިފައިވެއެވެ. "މިއާޔަތް ބާވައިލެއްވީ، ކައުސާހިބާ އެކަލޭގެފާނުގެ މައްޗަށް މާމުއި ޙަރާމް ކުރެއްވުމުގެ ސަބަބުންނެވެ. ޞައްޙަގޮތަކީ މިއީއެވެ." (ތަފްހީމުލްޤުރުއާން، ޖިލްދު: 6، ޞަފްޙާ: 17)
ތަޙްރީމުގެ ޙާދިޘާގެ ނިބޫ އަނެއް މައްސަލައަކީ، ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ އަނބިކަނބަލެއްގެ(السّيّدة حفصة رضى اللّـه عنــها)އަރިހުގައި ވިދާޅުވި ސިއްރެއް، އެބޭކަނބަލަކު އެހެން ބޭކަނބަލެއް(السّيّدة عائشة رضى اللّـه عنــها)ގެ އަރިހުގައި ވިދާޅުވުމެވެ. އަރަހުށި މާތްاللّـه سبحانه وتعالىއެކަލާނގެ ލޮބުވެތި ނަބިއްޔާއަށް ވަޙީގެ ޒަރީޢާއިން އެކަން އެންގެވިއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލެއްގެ އަރިހުގައި ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން ޚަބަރުކުރެއްވިހިނދު، އަދިاللّـهއެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު ޚަބަރު ކުރެއްވުމުން، އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި ޚަބަރުދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ ޚަބަރު އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ."(التّحريم: 3)
މި އާޔަތުގައިމިވާ "ސިއްރު ވާހަކަ" އަކީ ކޮބައިކަމާމެދު ޢިލްމުވެރީން ދައްކަވައިފައިވާ ވާހަކަފުޅުތައް، މަތީގައި އެވަނީ ބަޔާންކުރެވިފައެވެ. ކޮންމެއަކަސް، ކައުސާހިބާصلّى اللّـه عليه وسلّمގެ ސިއްރެއް، އެމާތް ސާހިބާގެ ހުއްދައާއި ރުހިވަޑައިގަތުމަކާނުލައި ފާޅުކުރެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންކަމުން، އެ ދެބޭކަނބަލުންނާ ބެހޭގޮތުން މިދަންނަވާ އާޔަތް ބާވައިލެއްވިއެވެ.
"ތިޔަ ދެބޭކަނބަލުންاللّـهއަށް ތައުބާވާނަމަ، (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (ރަސޫލާ އެދިވަޑައިގަންނަވާ ކަންތައްތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ ހަމަކަށަވަރުންاللّـهއީ އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދިجبريلގެފާނާއި، ޞާލިޙު މުއުމިނުންވެސްމެއެވެ. އަދި އެއަށްފަހު، މަލާއިކަތުންވެސް އެކަލޭގެފާނުގެ އެހީތެރީން ކަމުގައިވެއެވެ."(التّحريم: 4)
سورة التّحريمގެ އިސްވެދިޔަ އާޔަތްތަކުގައި، ކައުސާހިބާގެ ސިއްރެއް ފާޅުކުރެވުމުގެ މައްސަލައިގައި ޝާމިލުވެވަޑައިގަންނަވާ ދެބޭކަނބަލެއްގެ ނަންފުޅު ގެންނަވައިފައެއް ނުވެއެވެ. އެހެންކަމުން، އެ އާޔަތްތައް، ވަޙީގެ ކާތިބުން ލިޔުއްވައި، ޞަޙާބީންނާ ހަމަޔަށް ރައްދުވިއިރު، ޞަޙާބީންނަކަށްވެސް އެއީ ކޮން ދެބޭކަނބަލެއްކަމެއް އެނގިވަޑައިގެންފައެއް ނުވެއެވެ. މިކަމާބެހޭގޮތުންعبد اللّـه بن عبّاسرضى اللّـه عنــهماގެ އަރިހުން ރިވާވެފައިވާ ވަރަށް ތަފްސީލު ރިވާޔަތެއްالإمام بخارى رحمه اللّـهއެކަލޭގެފާނުގެ ޞަޙީޙުގައި ބަޔާންކުރައްވައިފައިވެއެވެ.
عبد اللّـه بن عبّاسرضى اللّـه عنــهماވިދާޅުވިއެވެ. "އެ އާޔަތުގައި، އެ ދެބޭކަނބަލެއްގެ ވާހަކަ ބަޔާންކުރައްވައިފައި އެވާ ދެބޭކަނބަލުންނަކީ ކޮން ދެބޭކަނބަލުންނެއްތޯعمر بن الخطّاب رضى اللّـه عنــهގެ އަރިހުން އޮޅުންފިލުވަން ޤަޞްދުކޮށްގެން، ދުވަސްތަކެއް ވަންދެން އަހަރެން ހުރީމެވެ. އެހެންހުއްޓައި، އަހަންނަށް ތަންވަޅެއް ލިބުނެވެ.عمرގެފާނު ޙައްޖު ދަތުރުފުޅެއް ކުރެއްވިއެވެ. އަހަރެންވެސް އެދަތުރުފުޅުގައި ބައިވެރިވީމެވެ.عمرގެފާނު ކޮންމެވެސް ބޭނުންފުޅަކު ޖަންގައްޔާ ދިމާއަށް ވަޑައިގެންފައި އެނބުރިވަޑައިގެން، ވުޟޫކުރައްވަން ބޭނުންފުޅުވިހިނދު އަހަރެން ފެން ހޯދައިދިނީމެވެ. އެކަލޭގެފާނު ވުޟޫކުރައްވަން އަތްޕުޅަށް ފެންއަޅައިދޭންހުރެފައި އަހަރެން ދެންނެވީމެވެ. "ތިޔަ ދެބޭކަނބަލުންاللّـهއަށް ތައުބާވާނަމަ" އެވެ. އަންގަވައިފައިއެވާ ދެބޭކަނބަލުންނަކީ ކޮބައިތޯއެވެ؟
عمرالفاروقވިދާޅުވިއެވެ. "ކަލޭގެފާނާމެދު ޢަޖާއިބުވެއްޖައީމެވެ. އެއީ ކޮން ދެބޭކަނބަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނުވޭތޯއެވެ. އެއީ،حفصةއާއިعائشةއެވެ."
السّيّدة حفصة بنت عمر رضى اللّـه عنــهاއާއިالسّيّدة عائشة بنت أبى بكر رضى اللّـه عنــهاއާ ދެބޭކަނބަލުންގެ މެދުގައި ޢާއްމުކޮށް އޮންނަނީ ދެ އުޚުތެއްގެ ދެމެދުގައި އޮންނަފަދަ ލޯތްބާއި އުޚުއްވަތުގެ ގުޅުމެކެވެ. ވަރަށްގިނަފަހަރަށް ވަރަށްގިނަ ކަންތައް ކުރައްވަނީ، އެދެބޭކަނބަލުން މަޝްވަރާ ކުރައްވައިގެންނެވެ. ކައުސާހިބާصلّى اللّـه عليه وسلّم،މާމުއި ޙަރާމްކުރެއްވުމާއި، ކައުސާހިބާގެ ސިއްރެއް ބޭޒާރު ކުރެއްވުމުގެ މައްސަލައަކީ މިގޮތުން އެ ދެބޭކަނބަލުން މަޝްވަރާ ކުރައްވައިގެން ނިންމެވި ދެ ނިންމެވުމެވެ.
އެއްފަހަރަކުأمّ المؤمنينالسّيّدة حفصة بنت عمرއާއި،أمّ المؤمنينالسّيّدة عائشة بنت أبى بكرއާ ދެބޭކަނބަލުން، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ދަތުރުފުޅެއް ކުރެއްވިއެވެ. ރޭގަނޑުގެ ދަތުރުފުޅުގައި ކައުސާހިބާصلّى اللّـه عليه وسلّمދަތުރުކުރައްވަނީ،أمّ المؤمنينالسّيّدة عائشة رضى اللّـه عنــهاގެ ޖަމަލުކޮޅާ އެއްހަމައެއްގައި، އެ ޖަމަލުގެ ކައިރީންނެވެ. އެއްދުވަހަކުأمّ المؤمنينالسّيّدة حفصةرضى اللّـه عنــها، أمّ المؤمنينالسّيّدة عائشة رضى اللّـه عنــهاގެ އަރިހުގައި ވިދާޅުވިއެވެ. ކަމަނާ މިރޭ އަޅުގަނޑުގެ ޖަމަލުގައި ދަތުރުކުރައްވާށެވެ. އަޅުގަނޑަށް ކަމަނާގެ ޖަމަލު ދެއްވާށެވެ. މިގޮތަށް ވާހަކަ ދައްކަވައި، އެއްބަސްވެވަޑައިގެން، ޖަމަލު ބަދަލުކޮށްލެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّم،عائشةގެފާނުގެ ޖަމަލުގެ ކައިރިޔަށް ވަޑައިގެންނެވުމުން، އެ ޖަމަލު މަތީގައިވާ ދޮޅިދާންކޮޅުގައި އިންނެވީحفصةކަން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް، ކައުސާހިބާصلّى اللّـه عليه وسلّمއެރޭ ދަތުރުކުރެއްވީ، އެ ޖަމަލާއެކުގައެވެ. އެކަމާعائشةގެފާނު ވަރަށް ދެރަފުޅުވިއެވެ.
އީލާއާއި ތަޚްޔީރުގެ މައްސަލަ
ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުން، އެބޭކަނބަލުންގެ ނަފަޤާތް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި އިޙްތިޖާޖުގައި،أمّ المؤمنينالسّيّدة حفصةرضى اللّـه عنــهاވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެވާހަކަ އަޅުގަނޑު ވާނީأمّ المؤمنينالسّيّدة عائشة رضى اللّـه عنــهاގެ ޙަޔާތްޕުޅާ ބެހޭގޮތުން އަޅުގަނޑު ލިޔުނު މަޒުމޫނެއްގައި ތަފްސީލުކޮށް ބަޔާންކޮށްފައެވެ.عمر بن الخطّابرضى اللّـه عنــهއެ މައްސަލައިގެ ތެރޭގައިވަނީالسّيّدة حفصةއަށް ވިސްނައިދެއްވައި، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުން އެއްވެސްކަހަލަ ނަފަޤާތަކަށް އެދިވަޑައިނުގަންނަވަން އެކަމަނާ ލައްވައި ވަޢުދުކުރުއްވައިފައެވެ.السّيّدة حفصةرضى اللّـه عنــهاވަރަށް ރަނގަޅަށް އެ ވަޢުދު ފުއްދެވިއެވެ.
(ނުނިމޭ)