08 Feb 2016, 12:27
ގއ. ވިލިނގިލީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓުރޯލު ނުވެ ކާރަކަށް އަރައިފި އެވެ.
ވިލިނގިލި ކައުންސިލްގެ ނައިބު ރައީސް ތަމްހީނު ހަސަން މިއަދު "ސަން" އަށް ވިދާޅުވީ އިއްޔެ މެންދުރު 1:05 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ސައިކަލު ދުއްވަން އިން ޒުވާނާ އަށް ކަމަށެވެ. ތަމްހީނު ވިދާޅުވީ ޒުވާނާގެ މޫނު މައްޗަށް ވަރަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށެވެ.
"ކާރު އައީ ވަރަށް މަޑުން. އެކަމަކު ދެން ސައިކަލުގައި އައި ކުއްޖާއަށް ކޮންޓްރޯލެއް ނުވާނެ ދެއްތޯ އެއީ އޭނަ އައީ ވަރަށް ބާރަށް. އެއިރު އަޅުގަނޑު ވެސް ހުރީ އަޅުގަނޑުގެ ދަރިފުޅާއި އެކީގައި. އެ ކުއްޖާ ގޮސް ކާރު މަތިން ވެއްޓުނީ ވެސް. އަޅުގަނޑު އޭނާ ނެގި އިރު އެ ޒުވާނާ ނޭވާ ވެސް ނުލާ،" ތަމްހީނު ވިދާޅުވި އެވެ.
ތަމްހީނު ވިދާޅުވީ އިތުރު ފަރުވާ ދިނުމަށް ރޭ ފަތިހުގެ ވަގުތެއްގައި އެ ޒުވާނާ މާލެ ގެނެސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް ވަކި އެއްޗެއް އަދި ވިދާޅުވެނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.
ވިލިނގިލި ކައުންސިލްގެ ނައިބު ރައީސް ތަމްހީނު ވިދާޅުވީ އެކްސިޑެންޓުވި ޒުވާނާ އަކީ މީގެ ކުރިން ވެސް އެކްސިޑެންޓެއްވެ މޫނު މައްޗަށް ޒަހަމްތަކެއް ލިބިފައިވާ ޒުވާނެއް ކަމަށެވެ.