އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ބަހުސެއް ބޭއްވުމަށްޓަކައި ދިޓީވީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ދަރުބާރުގެ ބުކް ކުރުމަށް ފަހު އެތަނަށް ފައިސާ ދައްކަން އަންގާރަ ދުވަހު ދިއުމުން ދިޓީވީ އަށް އެތަން ނުދީ ހިފަހައްޓައިފި އެވެ.

ދިޓީވީގެ ސީއީއޯ ޔޫސުފު ނަވާލް އިއްޔެ ވިދާޅުވީ ދިޓީވީން ދަރުބާރުގޭގެ މާލަމެއް ބުކްކުރުމަށް ފަހު ފައިސާ ދައްކަން ދިއުމުން އެޗެނަލަށް ހޯލް ނުދީ ރާއްޖެ ޓީވީ އަށް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މާޗް 29ގައި އޮންނާނީ ބުކިން ހަދާފައި. ދެން ފައިސާގެ ކަންތައް ނިންމަން އިއްޔެ ދިޔައިމާ ބުނީ ދެވޭކަށް ނެތޭ. ރާއްޖެ ޓީވީ އަށް ދީފީމޭ." ނަވާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުންގެ ބަހުސް ބޭއްވުމަށް ޓަކައި ދިޓީވީން ވަނީ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ދަރުބާރުގޭގެ އޮފީހަށް ދިއުމުން އެތަނުން ބުނީ ތިކަހަލަ ކަމެއް ހިނގާފައިވާ ކަމަށާއި ނަމަވެސް މައުލޫމާތު ދިނުން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު މަނާކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތިކަމާ ބެހޭ މައުލޫމާތު ދެވޭކަށް ނެތް. ޑިރެކްޓަރު ވިދާޅުވީ ތިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ މީހުން ގާތު ބުނާށޭ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނަށް ގުޅާށޭ،" ދަރުބާރުގޭގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ބުންޏެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވަޔަރްމެންޓް އަކުރަމް ކަމާލުއްދީން ވިދާޅުވީ ދިޓީވީން ފޯނުން ބުކް ކުރި ނަމަވެސް ފައިސާ ނުދައްކައި އޮތީމުން ކުރިން ފައިސާ ދެއްކި ބަޔަކަށް ތަން ދޫކޮށްލީ ކަމަށެވެ.

ދިޓީވީއަށް ދަރުބާރުގެ ނުދީ އެތަން ދޫކޮށްފައިވާ ރާއްޖެ ޓީވީއަކީ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ހިއްސާ އޮންނަ ތަނެންކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެކަމާ ސުވާލުކުރުމުން އަކުރަމް ވިދާޅުވެފައި ވަނީ އެކަމަށް ޖަވާބުދެއްވަން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށެވެ.