14:30


ސަރުކާރު އޮފީސްތަކުގެ ސްޓޭޝަނަރީއަށް އަހަރަކު 50 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށާއި، އަލަށް މި ގާއިމްކުރި، ގަވަރުމަންޓް އީލެޓަރ މެނެޖްމެންޓް ސިސްޓަމްގެ ސަބަބުން ސަރުކާރުގެ ހަރަދުތައް އެތައް ތަނަކުން ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ގަވަރުމަންޓް އީލެޓަރ މެނެޖްމެންޓް ސިސްޓަމްގެ ހިދުމަށް އިފްތިތާހް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި އެ ހިދުމަތް އިސްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދަކީ ސަރުކާރުގެ އިދާރީ ހިންގުން ރާއްޖޭގެ އެހެން ހިސާބުތަކަށް ގެންދެވިގެންދާ ދުވަހެއް ކަމަށެވެ. އަދި މާލޭގެ އޮފީސްތަކާއި ދެކުނު ޕްރޮވިންސާ މި ވަގުތައް މި ސިސްޓަމުން ގުޅިފައި ވީނަމަވެސް އެހެން ޕްރޮވިންސްތަކަށްފަހު ރާއްޖޭގެ ހުރިހާ އަތޮޅެއް މި ހިދުމަތުން ގުޅާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


މި ހިދުމަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ނާއިބު މުހައްމަދު ފަޔާޒު ވިދާޅުވީ، މިއީ މުހިއްމު ހިދުމަތެއް ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ މި ހިދުމަތް އިތުރަށް ކާމިޔާބުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ހިދުމަތަކީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި މުއާމަލާތް ކުރާގޮތަށް ފެށުނު ހިދުމަތެއް ނަމަވެސް، އިންޓަނެޓް މެދުވެރިކޮށް ރައްޔިތުންނަށް ދޫކުރެވޭ ލޮގިންއެއް ބޭނުންކޮށްގެން ސަރުކާރުންދެވޭ ވަރަށްގިނަ ހިދުމަތްތަކެއް ފޯކޮށްދިނުމުގެ މައިގަނޑު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.


ގަވަރުމަންޓް އީލެޓަރ މެނެޖްމެންޓް ސިސްޓަމަކީ ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ސިޓީ އާއި އެކި އެކި ލިޔުންތައް ވަގުތުން ފޮނުވާލެވޭ ނިޒާމެކެވެ. އަދި މި ނިޒާމަކީ އެ ތަކެތި އޮޓަމެޓިކުން ރެކޯޑް ކުރެވިގެންދާ ނިޒާމެކެވެ. މި ސިސްޓަމް ބޭނުންކުރަން ހަމަޖެހިފައިވަނީ ކޮންމެ އިދާރާއެއްގެ އެޑްމިނިސްޓަރޭޓަރ ބޭނުންކޮށްގެން ދެވޭ ޔޫސަނޭމަކާ ޕާސްވޯޑެއް މެދުވެރިކޮށްގެންނެވެ.