08 Feb 2016, 12:22
ރާއްޖެ އެމްވީގެ ދެ ނޫސްވެރިއަކު މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ރާއްޖެ އެމްވީ އިން ބުނެފި އެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ އަދި ރާއްޖެ އެމްވީގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، އެ ސްޓޭޝަނުގެ ދެ ނޫސްވެރިއަކު މިރޭ އެމްއެމްސީ އަށް ހާޒިރު ވުމަށް ލިޔުމަކުން އަންގާފައިވާ ކަމަށެވެ.
"މިރޭ 9:30ގައި މީޑިއާ ކައުންސިލަށް ހާޒިރު ވުމަށް އަންގާފަ އެބަ އޮތް... މުހައްމަދު ފަޒީނުއާއި ހުސައިން ފިޔާޒު މޫސާ އަށް..."، ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ، މިރޭ އެމްއެމްސީ އަށް ހާޒިރު ވުމަށް އެންގި ނަމަވެސް، އެ ކައުންސިލަށް ހާޒިރު ކުރަނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފު ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ ކޮން މައްސަލައެއް ކަމެއް...އަޅުގަނޑުމެން ވަރަށް އިންސާފުވެރިކަމާއެކުގައި، ނޫސްވެރިކަމުގެ އުސޫލާ އެއްގޮތަށް މައުލޫމާތު ގެނެސްދެމުން މިދަނީ،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ އެމްއެމްސީ އަށް ހާޒިރު ކުރާ ސަބަބު ނޭނގުނު ނަމަވެސް، މިރޭ އެ ކޮމިޝަނަށް ހާޒިރުވާނެ ކަމަށެވެ.