08 Feb 2016, 12:00
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އަރިސް މީހެއް ކަމުގައިވާ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ބިރުދެއްކުމުގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގަ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި މޮބައިލް ނަންބަރުތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ސ. ހިތަދޫ، ކޮމަންޑޫގެ ޒާހިދު ރަމީޒުގެ ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ޝުމްބާ ދީފައިވާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން ޝުމްބާ ބުނީ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށެވެ.
"ދައުވާ އަށް އިންކާރުކުރަން. އެއީ އަޅުގަނޑު ކުރި ކަމެއް ނޫން،" ޝުމްބާ ބުންޏެވެ.

ޝަރީއަތަށްފަހު ޝުމްބާ ކޯޓުން ނެރެގެން ގެންދަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ 15 ދުވަސް ފަހުން ހެކި ހުށަހެޅުމަށް ޓަކައި އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.