08 Feb 2016, 12:04
ކުޅިވަރު ގާނޫނުގެ ދަށުން ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެންމެ ބޭފުޅަކު ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެމަގާމަށް ކުރިމަތިލައްވާފައި ވަނީ އެންމެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އަދި އޭނާއާ ބެހޭ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
އޮފިޝަލް ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް އަލުން ކުރިމަތި ލުމަށް ހުޅުވާލާނެ އެވެ.
"ބޮޑަށް ބެލެވެނީ އިއުލާން ކުރާނެ ކަމަށް." އޮފިޝަލް ވިދާޅުވި އެވެ.
ކުޅިވަރު ގާނޫނުގައި ބުނެފައި ވަނީ ބިލު ފާސްވެ ގާނޫނަކަށް ވުމުން 90 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް އައްޔަންކުރަންޖެހޭނެ ކަމަށެވެ.
ކޮމިޝަނަރު އޮފް ސްޕޯޓްސް އަށް މީހަކު އައްޔަން ކުރާއިރު އެމީހާގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވާން ޖެހެ އެވެ.
ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ބާރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާއި ކުލަބު ޖަމިއްޔާތަކާއި އެތަންތަނުގެ މެމްބަރުންގެ ދަފްތަރަށް ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ އެވެ.