08 Feb 2016, 11:18
ސްޕެނިޝް ލީގްގައި ފަހުވަގުތު ލޫކާ މޮޑްރިޗް ޖަހައިދިން ގޯލުން 1-2 ގެ ނަތީޖާއިން ގްރެނާޑާގެ މައްޗަށް ރެއާލް މެޑްރިޑް ކުރި ހޯދައިފިއެވެ.
އެ ނަތީޖާއާއެކު ރެއާލް މިވަގުތު އޮތީ 50 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. 51 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު ލީގުގެ އެއްވަނައިގައި 54 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. ރޭގެ މެޗުން ބަލިވި ގްރެނާޑާ އޮތީ 20 ޕޮއިންޓާ އެކު ތާވަލުގެ ފުލުން ދެވަނައިގައެވެ.
ގްރެނާޑާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑުނެގީ ރެއާލްއިންނެވެ. އެ ގޯލު މެޗުގެ 30 ވަނަ މިނެޓްގައި ޑެނިއަލް ކަވަޖާލް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބް ކޮށްދިނީ، މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ކަރީމް ބެންޒެމާއެވެ.

ސްޕެނިޝް ލީގްގައި ގްރެނާޑާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ގޯލް ބެންޒެމާ ކާމިޔާބް ކުުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފް ރެއާލް ލީޑުގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފްގައި ގްރެނާޑާއިން ވަނީ ރަނގަޅު ކުޅުމެއްދައްކައި ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓްގައި އެލް އަރާބީ ވަނީ ގްރެނާޑާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެ މެޗުގައި ރެއާލްއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބް ކޮށްދިނީ މޮޑްރިޗްއެވެ.

ސްޕެނިޝް ލީގްގައި ގްރެނާޑާގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދުމަށް ރެއާލްގެ ރޮނާލްޑޯ މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެ މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށާއި ދަނޑުގެ ވިނަގަޑުގެ ހާލަތު ގޯސް ކަމުން އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ.
"ކޮންމެ ގޭމަކީ ވެސް އުނދަގޫ ގޭމެއް. އެކަމަށް އަހަރެމެން ތައްޔާރު ވެގެން ނިކުންނަނީ. އިދިކޮޅަށް ނުކުތް ޓީމަކީ މޮޅެތި ހުނަރުވެރި ކުޅުންތެރިން ތަކެއް ހުރި ޓީމެއް. ކޮންމެ މެޗަކީ ފަސޭހަކަމާއި އެކު ކާމިޔާބު ކުރެވޭނެ މެޗެއް ނޫން،" ޒިދާން ބުންޏެވެ.