ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް ( ސީމެގް)ގެ ވަފުދު ރާއްޖެއަށް ކުރެއްވި ދަތުރު ނިންމައިލުމަށް ފަހު ފުރައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސީމެގްގެ ވަފުދު ރާއްޖެއަށް ކުރި ދަތުރު ނިންމާލައިފި ކަމަށާއި އެ ވަފުދުން ދިވެހި ސަރުކާރާއި، ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ސީމެގްގެ ވަފުދެެއް ރާއްޖެއަށް ޒިޔާރަތް ކުރީ ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ.

އެ ވަފުދުގައި ހިމެނިވަޑައިގެންނެވީ ސީމެގްގެ ވައިސް ޗެއާ ކާރލް ގްރީނިޖް، ވައިސް ޕްރެޒިޑެންޓް އެންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮފް ގުޔާނާ އެވެ.

އޭގެ އިތުރުން ކެބިނެޓް ސެކެޓްރީ ފޮ ފޮރިން އެފެއަޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް އޮފް ކެންޔާ ޑރ. އާމިނާ މުހައްމަދާއި ފޮރިން ސެކެޓްރީ އޮފް އިންޑިއާ ވެސް މި ޓީމުގައި ހިމެނިވަޑައިގެންނެވިއެވެ.

އެވަފުދުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ބައެއް އިސް އެހެން ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.