21 Apr 2011, 13:49
ހދ. މަކުނުދޫގައި ދިރިއުޅޭ އިންޑިއާގެ އަންހެނެއްގެ އިއްފަތް ފޭރިގަތް ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރު ކުރި ދެ މީހުން ތިން ހަފްތާ އަށް ފަހު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު، އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިޔަ މާޗް މަހު އިންޑިޔާ އަންހެންނެއްގެ އިތްފަތް ފޭރިގަތްކަމުގެ ތުހުމަތުގައި މަކުނުދޫން ހައްޔަރު ކުރި ދެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން ދޫކޮށްލާފައި ވަނީ ދެ ދުވަހެއްގެ މަތިން ކަމަށެވެ.
އިންޑިއާ އަންހެން މީހާގެ އިއްފަތް ފޭރިގަތް ކަމުގެ ތުހުމަތުގައި މަކުނުދޫން ހައްޔަރު ކުރީ އުމުރުން 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.
ރޭޕުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ރޭޕްކުރި ކަމަށް ބުނާ އިންޑިޔާ އަންހެން މީހާއާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ "އެއީ ބޮޑު އަންހެނެއް" ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ފެށިގެން އެ ރަށު މީހަކާ ކައިވެނިކޮށް ދެ ކުދިން ލިބިފައިވާ އެ އަންހެން މީހާ ރޭޕްކޮށްލީ އޭނާ ދިރިއުޅޭ ގޭގެ ފެންލައިޓް ހަލާކުކޮށްލައިގެން ވަދެ އެވެ.
އަބަދުވެސް ރީތިވެގެން ހުންނަ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ ހާދިސާއާ ގުޅިގެން އެރަށުގެ އަންހެންވެރިން ނުކުމެ އެކަށީގެންވާ ގޮތުގައި އަންހެނުންގެ ހައްގުތައް ހޯދައި ހިމާޔަތް ކޮށްދިނުމަށް އެދި ރަށު އޮފީސް ކުރިމަތީގައި ވަނީ ޝުއޫރު ވެސް ފާޅުކޮށްފަ އެވެ. މީގެ އިތުރުން އެ ރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކޮށްދިނުމަށް ވެސް އެ މީހުން ވަނީ ގޮވައިލާފަ އެވެ.