ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީތެރިވަމުން އަންނަ ޖަޕާނުން ރާއްޖޭގައި އެގައުމުގެ އެމްބަސީއެއް މިއަދު ހުޅުވައިފި އެވެ.

މި އަހަރު ފެށުނު އިރު ރާއްޖޭގައި ޖަޕާނު އެމްބަސީގެ މަސައްކަތްތައް ފެށިފައިވީ ނަމަވެސް، ރަސްމީކޮށް އޮފީސް ހުޅުވާފައި ވަނީ މިއަދު އެވެ. ޖަޕާން އެމްބަސީ ހުޅުވާފައި ވަނީ ހ.އާގެ، އަށް ވަނަ ފަންގިފިލާގަ އެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެމްބަސީ ހުޅުވައިދެއްވީ ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރު މަސަކަޒޫ ހަމަޗް އާއި ޖަޕާނުން ސްރީ ލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ކެނިޗީ ސަގަނުމާ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އެވެ.

މީގެ ކުރިން ރާއްޖެ އަށް ހާއްސަ، ޖަޕާނު އެމްބަސީ ހުންނަނީ ސްރީލަންކާގަ އެވެ.

ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވިގެން ދިއުމަކީ ރާއްޖެއާ އެކު އެގައުމުން ގާއިމުކޮށްފައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ޖަޕާނުން ބުނެ އެވެ.

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ފެށިފައި ވަނީ 1967 ވަނަ އަހަރުން ފެށިގެންނެވެ. އެގުޅުމަށް 50 އަހަރު ފުރުން 2017 ވަނަ އަހަރު ފާހަގަކުރުމަށް މާލޭގައި އެމްބަސީ ހުޅުވުމުން އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް ޖަޕާނުން ބުނެ އެވެ.