08 Feb 2016, 10:52
ސޯލް (ފެބްރުއަރީ 8):އުތުރު ކޮރެއާއިން ކުރިއަށް އޮތް ތަނުގައި ވެސް ސެޓެލައިޓް ހިމެނޭ ރޮކެޓް ލޯންޗް ކުރަމުން ދާނެ ކަމަށް މޮސްކޯގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީން ބުނެފިއެވެ.
"ސައިންސާއި ޓެކްނޮލޮޖީއަށް އިސްކަންދޭ ކޮރެއާގެ ވޯކާސް ޕާޓީގެ ސިޔާސަތުގެ ދަށުން، ގައުމުގެ ސްޕޭސް އެކްސްޕްލޮރޭޝަންއާ ބެހޭ އިދާރާއިން ކުރިއަށް އޮތް ތަނުގައި ވެސް ދާނީ ސެޓެލައިޓު ލޯންޗް ކުރަމުން،" އުތުރު ކޮރެއާގެ އެމްބަސީން ނެރުނު ބަޔާނުގައިވާ ކަމަށް ރަޝިއާގެ މީޑީއާގައިވެ އެވެ.
އިއްޔެ އުތުރު ކޮރެއާއިން ވަނީ ސެޓެލައިޓެއް ހިމެނޭ ކަމަށް އެގައުމުން ބުނާ ލޯންގް ރޭންޖް ރޮކެޓެއް ލޯންޗްކޮށްފަ އެވެ. ނަމަވެސް، އުތުރު ކޮރެއާގެ އަވަށްޓެރި ގައުމުތަކުންނާއި އެމެރިކާއިން ވަނީ އެއީ މިސައިލް ޓެސްޓެއް ކަމަށް ތުހުމަތުކޮށްފަ އެވެ. މީގެ ކުރިން، ޔޫއެން އިން ވަނީ އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުން މަނާކޮށްފަ އެވެ. އަދި އެފަދަ ޓެސްޓު ކުރާނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އެހެން ކަމުން، އެމެރިކާއާއި ދެކުނު ކޮރެއާއާއި ޖަޕާނުގެ އެދުމުގެ މަތިން ޔޫއެން އިން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ޖަމިއްޔާއިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)