08 Feb 2016, 12:47
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަނާ ޔުނިވާސަލް އެންޓަޕްރައިސަސްއާ ގުޅުވައިގެން ކުންފުނީގެ ނަން ކިލަނބުވާ ގޮތަށް ހަގީގަތާ ހިލާފަށް ދެއްކި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ހިޔާނާތާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި އެމްއެމްޕީއާރްސީ އަށް ވަންނަން ޖެހޭ 79 މިލިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) އަށް ދައުލަތުގެ ބައެއް ބޮޑުން ވަނީ ހިޔާނާތްތެރިވެފަ އެވެ. އެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ރިޕޯޓްތަކުން ދައްކަނީ ކުރީގެ ނާބު ރައީސް އަހުމަދު އަދީބު ކަމަށެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް އިން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހު ރާއްޖެ ޓީވީ އިން ޓެލެކާސްޓްކޮށް އަދި ވެބްސައިޓްގައި ޝާއިރު ކުރި ހަބަރެއްގައި އެސްއޯއެފް ކުންފުންޏާއި ގާނޫނީ ވަކީލު "ޙުސްނު ސުޢޫދު ޔުނިވާރަސަލް އެންޓަރޕްރައިސެސްގެ ނަން ކިލަނބުވާފަދަ ގޮތަށް މިވާހަކަ ޙަގީގަތާ ޚިލާފަށް ނެރިފައި ވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި" ކުރާ ކަމަށެވެ. "އަދި ދަންނަވަމެވެ. މިކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގައި ވެސް ދަންނަަވަމެވެ." ޔުނިވަސަލް އިން ނެރުނު ބަޔާނުގައި ބުންޏެވެ.