21 Apr 2011, 13:14
ތިލަފުށި ހިއްކުން ހެވީލޯޑް މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި މައްސަލައިގައި އެ ކޮމިޝަނުގެ މައްޗަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން މިއަދު ދައުވާކޮށްފި އެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން އެ ކޯޕަރޭޝަންގެ ވަކީލު މަޒްލާން ރަޝީދު ވިދާޅުވީ ތިލަފުށި ހިއްކަން ހަވާލު ކުރި ޕްރޮޖެކްޓު ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް ކަމަށް ބުނެ ފެބްރުއަރީ 13، 2011 ގައި އެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައިވާ ކަމަށެވެ. ވަކީލް ވިދާޅުވީ މަސައްކަތް ހުއްޓާލަން އޭސީސީން އަންގާފައި ވަނީ އެ މައްސަލައިގެ ތަހުގީގު ނުވެސް ނިންމާ ކަމަށެވެ.
މަޒްލާން ވިދާޅުވީ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައި ވަނީ އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭރުން ކަމަށެވެ. ވަކީލު ވިދާޅުވި ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގައި އެ ކޮމިޝަނަށް ލިބިފައިވާ ބާރުތަކަށް ބަލާއިރު އެ މަސައްކަތް ކުރުން ހުއްޓާލުމަށް އެންގުމުގެ ބާރު ލިބިފައިނުވާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން އެ މައްސަލައިގައި އޭސީސީއަށް އެޅޭނެ ފިޔަވަޅީ ތަހުގީގު ނިންމުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕޖީ) އޮފީހަށް ފޮނުވުން ކަމަށެވެ.
ވަކީލު ވިދާޅުވީ އޭސީސީއަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި ވަނީ މުތުލަގުކޮށް ނޫން ކަމަށާއި ފިޔަވަޅެއް އެޅުމުގެ ކުރިން ތަބާވާންޖެހޭ ނުވަތަ އަމަލު ކުރަންޖެހޭ ޕްރޮސެސްތަކެއްވާ ކަމަށެވެ. އެހެންކަމުން އޭސީސީން ތިލަފުށި ކޯޕަރޭޝަނަށް އަންގާފައިވާ އެންގުމަކީ ގާނޫނާ ހިލާފް ބާތިލް ނިންމެވުމެއް ކަމަށް ކަނޑައަޅައި އެ ނިންމުމަށް އެ ކޯޕަރޭޝަނުން އަމަލު ކުރަންނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
އޭސީސީގެ ފަރާތުން އެ ކޮމިޝަނުގެ ގާނޫނީ ވަކީލު ވަނީ ތިލަފުށި ކޯޕަރޭޝަނުން ކުރި ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ތިލަފުށި ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އޭސީސީން އެދުނީ ތިލަފުށި ކޯޕަރޭޝަންގެ ދައުވާއަށް ލިޔުމަކުން ފުރިހަމަ ޖަވާބެއް ދިނުމުގެ ފުރުސަތަކަށެވެ. ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީ މިއަދުގެ އަޑުއެހުން ނިންމާލެއްވީ އޭސީސީއަށް އެ ފުރުސަތު ދެއްވުމަށްފަހު އެވެ.
ތިލަފުށި ފަޅުން 130 ހެކްޓަރު ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ހުށަހެޅި 167.4 މިލިއަން ރުފިޔާއަށްވުރެ 102.45 މިލިއަން ރުފިޔާ ބޮޑުކޮށް 269.85 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ހެވީލޯޑް މޯލްޑިވްސްއާ އެވެ. ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އެންގި ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ހުއްޓާލައިފައެއްނުވެ އެވެ. އަދި މިހާތަނަށް 16 ހެކްޓަރުގެ ބިން ތިލަފުށީގެ ފަޅުން ވަނީ ހިއްކައިފަ އެވެ.