ސަރަޔޭވޯ (ފެބްރުއަރީ 8):ބޮސްނީއާގެ ކޯޓުތަކާއި އެހެނިހެން ޝަރުއީ އިދާރާތަކުގައި ބުރުގާ އަޅައިގެން އުޅުން މަނާކުރުމުން އެގައުމުގެ 2000 ވަރަކަށް އަންހެނުން ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން އިއްޔެ އެއްވުމެއް ބާއްވާފަ އެވެ.

ބޮސްނިއާގެ ވެރިރަށް ސަރަޔޭވޯގައި އެއެއްވުން ބާއްވާފައި ވަނީ ޝަރުއީ އިދާރާތަކުގައި "ދީނީ ނިޝާންތައް" ގެންގުޅުން އެގައުމުގެ މަތީ ޖުޑިޝިއަލް ކައުންސިލުން މަނާކުރުމުންނެވެ. އެ ދީނީ ނިޝާންތަކުގެ ތެރޭގައި ބުރުގާ އެޅުން ވަނީ ވަކިން ފާހަގަ ކޮށްފަ އެވެ.

އެއްވުމުގެ ބައިވެރިން ވަނީ "ހިޖާބަކީ އަހަރެންގެ ހައްގެއް" ފަދަ ޖުމްލަތައް ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފަ އެވެ. އަދި އެއްވުމުގެ ބައިވެރިއަކު ވަނީ އެގަވާއިދަކީ "މުސްލިމުންގެ ޝަރަފާއި، އަމިއްލަވަންތަކަމާ ދެކޮޅަށް ދިން ސީރިއަސް ހަމަލާއެއް" ކަމަށް ބުނެފަ އެވެ.

ބޮސްނިއާގެ 3.8 މިލިއަން މީހުންގެ އާބާދީގެ 40 ޕަސެންޓަކީ މުސްލިމުންނެވެ. (އޭއެފްޕީ)