08 Feb 2016, 09:51
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލްގެ މެމްބަރަކަށް ވ. ނޯޗާންސް، މުހައްމަދު މާޒިން ހޮވިއްޖެ އެވެ.
މާޒިނަށް އެ މަގާމު ލިބުނީ 157 ވޯޓު ލިބިގެންނެވެ. އެ މަގާމަށް ތިން ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު މާޒިނާ އެންމެ ގާތުން ވޯޓު ލިބުނީ އަހުމަދު ނަޖީބް ގއ. ވިލިގިނލި، ފީރޯޒުގެ އެވެ. އޭނާ އަށް 56 ވޯޓު ލިބުނު އިރު ތިންވަނަ އަށް ދިޔަ ކެންޑިޑޭޓު އަހުމަދު ފާއިޒު، މ. ކުރެލި އަށް ލިބުނީ 28 ވޯޓެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާ ތަމްސީލު ކުރުމަށް މެމްބަރަކު ހޮވުމަށް ވެސް ވަނީ އިންތިހާބު ބާއްވާފަ އެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ޖަމްއިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްއިއްޔާތަކުން އިންތިހާބުގައި ކުރިމަތިލާފައި ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އިން ނެވެ.
ހަ ވޯޓާ އެކު އެ މަގާމު ހޯދީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް އިން ނެވެ. އޯޓިޒަމް އެސޯސިއޭޝަނަށް ލިބުނީ ތިން ވޯޓެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ ޖުމުލަ 46 ވޯޓު ފޮށި ބެހެއްޓި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ އަދަދަކީ 328 ކަމަށެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމަށް ނުވަ ޖަމިއްޔާއަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޑިސްއެބިލިޓީ ކައުންސިލްގެ މެމްބަރުންނަށް ދެނީ މަހަކު 5000 ރުފިޔާގެ އެލަވެންސެކެވެ.
އެ ކައުންސިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާ ކައުންސިލެކެވެ.