08 Feb 2016, 09:05
ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަ ތަރިންތަކުގެ ތެރެއިން، އެންމެ ކާމިޔާބު އެއް ތަރިއަކީ ޕްރިޔަންކާ ޗޯޕްރާ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ބޮލީވުޑްގައި ވިދާލުމުގެ އިތުރުން، ޕްރިޔަންކާ ވަނީ ހޮލީވުޑްގައި ވެސް ފައިތިލަ ސާބިތު ކޮށްފަ އެވެ.
އެމެރިކާ ގެ ޓީވީ ސީރީސް، "ކުއަންޓިކޯ" އިން ހޮލީވުޑަށް ތައާރަފުވި ޕްރިޔަންކާއަށް ވަނީ އެ އިންޑަސްޓްރީގައި ގިނަ ފުރުސަތުތަކެއް ފަހިވެފަ އެވެ. އެގޮތުން އެ ފުރުސަތުތަކުގެ ބޭނުން ހިފައި، އެ އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހާ ތަރިންގެ ލިސްޓުގައި ހިމެނުމަށް ވެސް ޕްރިޔަންކާ އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެހެންނަމަވެސް، ޕްރިޔަންކާގެ ވިސްނުން ހުރީ ހަމައެކަނި ކާމިޔާބު ތަރިއަކަށް ވުމަކަށް ނޫނެވެ. ޒަވާޖީ ހަޔާތެއް ފެށުމުގެ ވިސްނުން ވެސް އޭނާ ގެންގުޅެ އެވެ. އެގޮތުން މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ، އަވަސް މުސްތަގުބަލެއްގައި ކައިވެނި ކުރާނެ ކަމުގެ ފެހި ސިގުނަލް ދީފަ އެވެ.
"ކައިވެނި ކުރުމުގެ ވިސްނުން އެބަ ގެންގުޅެން. ވަގުތު އައިސް ޖެހުމުން ކައިވެނި ކުރާނަން." ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބުނީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ނުވަތަ "ޕްރިންސް ޗާމިން" ވާން ޖެހޭނީ އަބަދުވެސް އޭނާ އުފާކޮށްދީ ފޫހި ފުލިވަދޭނެ މީހަކަށް ކަމަށެެވެ.
"އަހަރެން ވަރަށް ފަސޭހައިން ފޫހިވޭ. އެހެންވެ އަހަރެން އުފާކޮށްދީ ފޫހި ފިލުވަދޭ މީހަކީ އެކަމަށް ހައްގު މީހެއް"، ޕްރިޔަންކާ ބުންޏެވެ.
ކޮންމެއަކަސް، އެ ހަބަރަކީ ޕްރިޔަންކާ އާ އެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ހުވަފެން ދެކެމުން އަންނަ އެތައް ބަޔަކަށް ލިބުނު އުފާވެރި ހަބަރެކެވެ.