08 Feb 2016, 09:04
"ވިޓަމިން ސީ" އިން މުއްސަނދިވެފައިވާ އޮރެންޖަކީ ވަރަށް ގިނަ ފަރާތްތަކަށް މީރު މޭވާ އެކެވެ. އެހެންކަމުން އެ މޭވާގެ ޖޫސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އާދެއެވެ. މީރު ރަހަ އާއެކު، ސިއްހަތަށް ފައިދާ ހުރި ބުއިމެއްގެ ގޮތުގައިވެސް އޮރެންޖު ޖޫސް މަޝްހޫރުވެފައި ވެއެވެ.
އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ އޮރެންޖު ޖޫހުން ސިއްހަތަށް ބޮޑެތި ފައިދާ ތަކެއް ލިބުމާއެކު ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެސް ލިބެއެވެ.
އޮރެންޖު ޖޫހުގެ ފައިދާ
ކެލޮރީސް:
އޮރެންޖު ޖޫހުގައި ގިނަ އަދަދަކަށް ކެލޮރީސް އެކުލެވިގެން ވެއެވެ. އެގޮތުން ބައި ޖޯޑުގެ އޮރެންޖު ޖޫހުގައި 60 ވަރަކަށް ކެލޮރީސް ހެމެނެއެވެ.
ފެޓް ނުވަތަ ކޮލެސްޓްރޯލް:
އޮރެންޖު ޖޫހުގައި އެއްވެސް މިންވަރަކަށް ކޮލެސްޓްރޯ އަދި ފެޓް ވެސް އެކުލެވުގެން ނުވެއެވެ.
ވިޓަމިން ސީ އަދި ވިޓަމިން އޭ:
ކުރިންވެސް ފާހަގަ ކުރި ފަދައިން އޮރެންޖަކީ ވިޓަމިން ސީ އިން މުއްސަނދި ވެފައިވާ މޭވާ އެކެވެ. ހަމައެހެންމެ ވިޓަމިން އޭ ވެސް އެ މޭވާގައި ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އެހެންކަމުން އޮރެންޖުގެ ޖޫހަކީ، ވިޓަމިންސީ އިންނާއި ވިޓަމިން އީ އިން މުއްސަނދި ވެފައިވާ ޖޫހެކެވެ.
ކެލްސިއަމް އާއި އެހެނިހެން ނިއުޓްރިއެންޓްސް:
ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެއް ކަމަށްވާ، ކެލްސިއަމްވެސް އޮރެންޖު ޖޫހުގައި އެކުލެވިގެން ވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން މުހިއްމު މިނެރަލްސްތައް ކަމަށްވާ މެގްނީސިއަމް، ފޮލޭޓު އަދި ޕޮޓޭސިއަމް ވެސް އޮރެންޖު ޖޫހުގައި އެކުލެވެއެވެ. ހަމައެހެންމެ، އާދަކޮށް ކޮންމެ ދުވަހަކުވެސް އޮރެންޖު ޖޫސް ބޭނުން ކުރާ ނަމަ، ކިޑުނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދޭނެ އެވެ.
އޮރެންޖު ޖޫހުގެ ގެއްލުންތައް
ބައި ޖޯޑު އޮރެންޖު ޖޫހުގައި 14 ވަރަކަށް ގުރާމް ކާބޯހައިޑްރޭޓު އެކުލެވިގެން ވެއެވެ. އޭގެ ތެރެއިން ގިނަ ކާބޯހައިޑްރޭޓުތައް އެކުލެވެނީ ފްރުކްޓޯސް ގެ ސިފައިގަ އެވެ. ފްރުކްޓޯސް އަކީ ހަކުރުގެ ބާވަތަކެވެ.
އޮރެންޖު ޖޫހުގައި ފްރުކްޓޯސް އެކުލެވޭ މިންވަރު މަތިވެއްޖެ ނަމަ، އެ ޖޫހާއި ސޮފްޓު ޑްރިންކަކާ ތަފާތެއް ނެތެވެ. ކޮންމެ ދުވަހަކު އޮރެންޖު ޖޫސް ބޭނުން ކުރާ މިންވަރު ލިމިޓު ކުރަން ނިއުޓްރިޝަނިސްޓުންނާއި ސިއްހީ މާހިރުން ލަފާ ދެނީ އެ ސަބަބައްޓަކަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އޮރެންޖު ޖޫސް ބޭނުން ކުރާ މިންވަރު، އަށް އައުންސުން 12 އައުންސަށް ލިމިޓު ކުރުމަށް ސިއްހީ މާހިރުން ލަފާ ދެއެވެ.
އޮރެންޖު ޖޫހުން ހަށިގަނޑަށް ގެއްލުން ލިބެނީ، އެ ޖޫސް ބޭނުން ކުރަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރާ ނަމައެވެ. އެހެންކަމުން، އޮރެންޖު ޖޫސް ބޭނުންކުރުމުގައި، ސިއްހީ މާހިރުން ލަފާ ދީފައިވާ މިންވަރަށް ބޭނުން ކުރުމަށް ސަމާލުކަން ދިނުން މުހިއްމެވެ.
މައުލޫމާތު: ސްޓެތުނިއުސް.ކޮމް