08 Feb 2016, 08:42
ޑައިރެކްޓަރސް ގިލްޑް އޮފް އެމެރިކާ އެވޯޑްސްގައި ދެވޭ އެންމެ މުހިންމު އެވޯޑު ކަމުގައިވާ، އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު، 2015 ވަނަ އަހަރުގެ ފިލްމު "ދަ ރެވެނަންޓް"ގެ ޑައިރެކްޓަރު އަލެހަންދްރޯ ގޮންޒަލެޒް އިންޏަރިތުއަށް އަނެއްކާ ވެސް ލިބިއްޖެ އެވެ.
މި އެވޯޑު މިދިޔަ އަހަރު ވެސް ލިބިފައިވަނީ އަލެހަންދްރޯ އަށެވެ. އޭނާއަށް އެ އެވޯޑު ލިބިފައިވަނީ "ބާރޑްމޭން"ގެ ޑައިރެކްޓަރުގެ ހައިސިއްޔަތުންނެވެ. އެއާއި އެކު، މިދިޔަ އަހަރުގެ އޮސްކާ އެވޯޑްސްގައި ވެސް ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ލިބިފައިވަނީ އޭނާއަށެވެ.
އަލެހަންދްރޯގެ ދަ ރެވެނަންޓަށް ޑައިރެކްޓަރސް ގިލްޑުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުމާއި އެކު، އެ ދާއިރާއިން އެ އެވޯޑު ކުރިޔަށް އޮތް އޮސްކާ އެވޯޑްސްގައި ވެސް އޭނާއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.
ދަ ރެވެނަންޓް ވަނީ މިއަހަރުގެ އޮސްކާ އެވޯޑްސްގެ ޖުމްލަ 12 އެވޯޑަކަށް ނޮމިނޭޓު ވެފަ އެވެ. އޭގެ ތެރޭގައި، އެ ފިލްމުގެ ލީޑު ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އޮސްކާގެ އެންމެ މޮޅު ފިރިހެން ފިލްމީ ތަރިއަށް ނޮމިނޭޓު ވެފައިވާ އިރު، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް މި ފިލްމުގެ ޑައިރެކްޓަރ އަލެހަންދްރޯ އިންޏަރިތު ވަނީ ނޮމިނޭޓު ވެފަ އެވެ.
ޑައިރެކްޓަރސް ގިލްޑް އޮފް އެމެރިކާއަކީ، އެމެރިކާގެ ފިލްމީ ދާއިރާގައި ފިލްމު ޑައިރެކްޓަރުން ހިއްސާވާ އެންމެ ބޮޑު އަދި އެންމެ މުހިންމު ޖަމިއްޔާ އެވެ. އެ ޖަމިއްޔާއިން ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ދޭ ފަރާތަށް ގިނަ ފަހަރު އޮސްކާ އެވޯޑު ލިބިފައި ވެ އެވެ. ނަމަވެސް ތާރީޚަށް ބަލާ އިރު، ޑައިރެކްޓާރސް ގިލްޑްއިން ބެސްޓް ޑައިރެކްޓަރަށް ހޮވި ފަރާތަށް އޮސްކާ ނުލިބި ގޮސްފައި ވަނީ އެންމެ ހަތް ފަހަރު އެވެ.
88 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ވާދަ ކުރަނީ
- ލެނީ އެބްރަމްސަން (ރޫމް)
- އަލެހަންދްރޯ ގޮންޒަލެޒް އިންޏަރިތު (ދަ ރެވެނަންޓް)
- ޓޮމް މެކްކާރތީ (ސްޕޮޓްލައިޓް)
- އެޑަމް މެކްކޭ (ދަ ބިގް ޝޯޓް)
- ޖޯޖް މިލަރ (މޭޑް މެކްސް: ފިއުރީ ރޯޑް)
2016 ވަނަ އަހަރުގެ އޮސްކާ އެވޯޑްސް ދިނުމުގެ ހަފްލާ އޮންނާނީ ފެބްރުއަރީ 28 ވަނަަ ދުވަހު އެވެ.