ދ. މީދޫގައި މިހާރު ކުރިއަށްދާ ތައުލީމީ ދާއިރާގެ ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވާ މެދު ސަރަހައްދުގެ ގައުމީ އިދާރާގެ އެޑިއުކޭޝަން ޔުނިޓްގެ ވެރިޔާ ޖާދުﷲ ތައުފީގު އެރަށުން ފުރުން މަނާކޮށް އޭނާ އެރަށުގައި ބަންދުކޮށްފި އެވެ.

މީދޫ ރަށުކައުންސިލްގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވީ ޖާދުﷲ މީދޫގައި ހިފަހައްޓާފައި ވަނީ މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގެ ހުރިހާ ބެލެނިވެރިން ގުޅިގެން ކަމަށެވެ. އަދި އެ ކަމުގައި މީދޫ ރަށު ކައުންސިލްގެ ހުރިހާ މެމްބަރުން ތިބީ ބެލެނިވެރިންނާ އެކުގައި ކަމަށެވެ.

ޖާދުﷲއާ މެދު އެގޮތަށް ކަންތައް ކުރަން ޖެހުނީ އޭނާ ދ. އަތޮޅު މަދަރުސާގެ ކުރިއެރުމަށް ހުރަސް އަޅުއްވާކަން ފާހަގަކުރެވިގެން ކަމަށް ޝާހިދު ވިދާޅުވި އެވެ.

" ޖާދުﷲ ދ. އަތޮޅު މަދަރުސާގެ ކުރިއެރުމަށް ގެންދަވަނީ ހަމަ ގަސްދުގައި ހުރަސް އަޅުއްވަމުން. އެގޮތުން މަދަރުސާގެ ގްރޭޑް 11 އަށް މިދޔަ އަހަރު ބަދަލުވި ކުދިންނާ އެއް ފެންވަރަކަށް ފާސްވި ކުދިން މިއަހަރު ބަދަލެއް ނުކުރި. އެކަމުގެ ސަބަބުން 11 އުވިގެން ދިއުމުގެ ބިރު ވަނީ އުފެދިފައި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދ. އަތޮޅު މަދަރުސާއަށް މިއަހަރުގެ ބަޖެޓް އަދިވެސް ނުލިބޭ ކަމަށާއި އެތަނުގެ ކަރަންޓް ބިލް ނުދައްކާތާ މިހާރު ތިންމަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގްރޭޑް 11 އާ ހަމައަށް ކިޔަވައިދެމުން އަންނަ އެ ސްކޫލްގެ މެނޭޖްމެންޓްގައި މިހާރު ތިބީ ޕްރިންސިޕަލްއާއި އެންމެ ލީޑިން ޓީޗަރެއް އެކަނި ކަމަށެވެ.

މިއަދު ހެނދުނު 9.30 އެހާކަށް ހާއިރު ޖާދުﷲ މީދުއަށް ވަޑައިގަތުމާ އެކު ބެލެނިވެރިންނާއި ރަށުގެ ގިނަ ބަޔަކު އެއްވެ އޭނާ ވަށާލައި ރަށުގައި ބަންދު ކުރި ނަމަވެސް ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް އެއްގަޑިއިރަށް ވަނީ ޖާދުﷲ މީދޫ ތެރެއަށް ދޫކޮށްލާފަ އެވެ. މީދޫ ބެލެނިވެރިއަކު ބުނީ އެޑިއުކޭޝަން ޔުނިޓްގެ ވެރިޔާ މީދޫން ފުރުމުގެ ހުއްދަ ދޭނީ އެރަށުގައި ހުންނަ ދ. އަތޮޅުމަދަރުސާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމުން ކަމަށެވެ.