ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުންގެ އެކައުންޓް ބޮޑު އަދަދަކުން ފައިސާތަކެއް ޖަމާވެފައިވާ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ ބުނެފި އެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓުގައި އަށް މިލިއަން ޑޮލަރާއި 13 މިލިއަން ޑޮލަރު ހުރި ކަމަށް ބުނެ މީގެދުވަސްކޮޅެއް އޭނާ ޓްވީޓެއް ކުރެއްވި ކަމަށެވެ.

މިރޭ ފުލުހުންގެ ތަހުގީގު ޓީމުން ސުވާލުކުރީ އެކަމާ ގުޅޭގޮތުން ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުނީ ކިހިނެތްތޯ ފުލުހުން ސުވާލުކުރުމުން އެއީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރާ ޓީމްގައި ހިމެނޭ ފުލުހެއް ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ތަފްސީލުކޮށް ދަންނަވާފަ ވާނެ އެ މައުލޫމާތަކީ މިހާރު އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހަކު އަޅުގަނޑަށް ފޯރުކޮށްދިން ފުލުހެއް ކަމަށް. ނަމަވެސް އެ ފުލުހަކީ ކޮން ފަރާތެއްކަން އަޅުގަނޑަށް ހާމަނުކޮށްދެވޭނެ،" މަހުލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ކޮށާ ކުދިކޮށްލިޔަސް އެކަހަލަ މައުލޫމާތު ހިއްސާ ނުކުރާނަން،"

އޭނާ ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރީ ވަރަށް ރަނގަޅަށް އެކަން އެނގޭ ފުލުހެއް ކަމަށެވެ.

ވަރަށް ރަނގަޅަށް މި މައުލޫމާތު އެނގޭ ފުލުހަކު އަޅުގަނޑަށް މި މައުލޫމާތު ދިނީ. އޭނާ އަޅުގަނޑު ކައިރީ ވިދާޅުވޭ ތިމަންނަ ކިހިނެތްހޭ މި މައްސަލަ ތަހުގީގު ކުރާނީ. ކޮސް އެބަޖެހެއޭ ރައީސް ޔާމީންގެ 13 މިލިއަން ޑޮލަރެއްގަ. ގޮއްސަ އެބަ ޖެހެއޭ ފާތިމަތު އިބްރާހީމްގެ ނުވަ މިލިއަން ޑޮލަރެއްގައި،" މަހުލޫފް ވިދާޅުވިއެވެ.