07 Feb 2016, 23:20
މިއަހަރުގެ ފެބްރުއަރީ 7އަށް އަލިވިލެމުންދިޔައީ ނުރައްކާތެރި ކަންތައްތަކެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބާރުއެޅުއްވި ކަމަށް ފުލުހުން މިއަދު ވަނީ ހާމަކުރައްވާފަ އެވެ.
އަލަށް ހެދި ހެދިގޮނޑުދޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަހަރު ފެބްރުއަރީ 7 އަކަށްވެސް އަލިވިލެމުން ދިޔައީ ނުރައްކާތެރިކަމެއްގެ ތެރެއިން ކަމަށާއި އެއީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.
"މިއަހަރުގެ ފެބްުރުއަރީ 7 ވެސް އަލި ވިލެމުން ދިޔައީ ނުރައްކާތެރިކަމާއި ހިޔާނާތުގެ އެކިއެކި ކަންތައްތަކުގެ ތެރެއިން ރޭވިގެން އައި ނުރައްކާތެރި ކަމެއްގެ ތެރެއިން. ﷲގެ ތަނަވަސް ރަހުމަތާއެކު އަޅުގަނޑުމެންނަށް އެކަންކަން ހައްލު ކުރެވިގެން ދިޔައީ. އެހެން ނަމަވެސް އެއީ ބޮޑުވެގެންވާ ޖަރީމާއެއް" ރައީސް ޔާމީން ވިދާޅުވިއެވެ.
ގާނޫނީ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން މިރޭ ވަނީ ވިދާޅުވެފަ އެވެ. މިސަރުކާރުން ހޯދާނީ "ދިވެހި ހައްލު" ކަމަށާއި އެއީ ގާނޫނީ ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތައް އަލިއަޅުވާލައްވައި ރައީސް ޔާމީން ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތް ފެންމަތިވެގެން އުޅޭ ދުވަސްވަރު، ކަމަށާއި އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށެވެ.