08 Feb 2016, 08:56
ޓައިވާނަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު 17 ބުރީގެ އިމާރާތެއްގެ ދަށުން ހަ މަހުގެ ތުއްތު އަންހެން ކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިއްޔެ ސަލާމަތްކުރި އެ ކުއްޖާ ސަލާމަތްކޮށްފައިވަނީ ބިންހެލުމުގައި ވެއްޓުނު އެ އިމާރާތުގެ ދަށުވެފައި އޮންނަތާ 30 ގަޑިއިރު ފަހުންނެވެ. އަދި ސަލާމަތްކުރުމަށްފަހު އެކުއްޖާ ވަނީ ހަސްފަތާލަށް ގެންގޮސްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓައިވާނުގެ ޓައިނިން ސިޓީއަށް 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި މިހާތަނަށް 26 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ތުއްތު ކުއްޖާ ސަލާމަތްކުރި އިމާރާތުގެ ދަށުވި މީހުންނެވެ.
ބިންހެލުމުގެ ސަބަބުން 500 އަށްވުރެއް ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ގިނަ ބަޔަކު އަދިވެސް ދަނީ ހަސްފަތާލްތަކުން ފަރުވާ ހޯދަމުންނެވެ.
އޮފިޝަލުން ބުނާގޮތުން، ތުއްތު ކުއްޖާ ސަލާމަތްވި، އެޕާޓްމަންޓް އިމާރާތުގެ ދަށުގައި ގާތްގަނޑަކަށް 120 އަށްވުރެއް ގިނަ މީހުން އަދި ވެސް ތާށިވެފައި އެބަވެ އެވެ. އަދި މިހާތަނަށް އެ އިމާރާތުގެ ދަށުން 170 އަށްވުރެއް ގިނަ މީހުން ސަލާމަތްކުރެވިފައިވާ ކަމަށް ޓައިނިން ސަރުކާރުން ބުނެ އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާއިރު، ޓައިވާން ސަރުކާރުން ވަނީ އެ އިމާރާތް ވެއްޓުނު ގޮތް ތަހުގީގު ކުރަން ފަށާފައެވެ.
މައުލޫމާތު: ބީބީސީ، ސްކައި ނިއުސް