މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްވުމުގައި ޔުނިވާސަލް އެންޓަޕްރައިޒަސް ބައިވެރިވެފައި ނުވާނެ ކަމަށާއި އެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ނަން ކިލަނބުކޮށްފައި ވާތީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔުނިވާސަލް އެންޓަޕްރައިޒަސް އިން ދީފި އެވެ.

ޔުނިވާސަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޔުނިވާސަލުން އެއްވެސް މިންވަރަކަށް އަދި އެއްވެސް ގޮތަކަށް ބައިވެރިވެފައި ނުވާނެކަން ސާބިތުކަމާއި އެކުގައި ދަންނަވާ ކަމަށެވެ.

ޔުނިވާސަލުން ބުނީ އެސްއޯއެފް ޕްރައިވެޓު ލިމިޓެޑާއި އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދު އެ ކުންފުނި ކިލަނބުވާ ފަދަ ގޮތަކަށް ހަގީގަތާއި ހިލާފަށް އެ ވާހަކަތައް ނެރެފައިވާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ޔުނިވާސަލުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"އަދި ދަންނަވަމެވެ. މިކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް ދަންނަވަމެވެ." ޔުނިވާސަލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔުނިވާސަލުން ބުނީ އެ ކުންފުނިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިއަދާއި ހަމައަށް ވެސް ވިޔަފާރި ކުރަމުން އަންނަނީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ މިންގަނޑަށް ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ޔުނިވާސަލުން ބުނެފައިވާއިރު އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މާމިގިލީ ދާއިރާގެ މެމްބަރުން ގާސިމް އިބްރާހިމުގެ ވިލާ ކުންފުއްޏަށް ޖަމާކޮށްދީފައިވާ ކަމަށް ބުނާ ވާހަކަ ގާސިމް އިބްރާހިމް ވެސް ވަނީ ދޮގުކޮށްފަ އެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ އެފަދަ ފައިސާއެއް ޖުމްހޫރީ ޕާޓީއަކަށްވެސް ވިލާ ކުންފުއްޏަކަށްވެސް އަދި ގާސިމްއަށްވެސް ލިބިފައި ނޯންނާނެ ކަމަށެވެ.