ސްޕެނިޝް ލީގްގައި ލެވަންޓޭގެ މައްޗައް 0-2ގެ ނަތީޖާ އަކުން ކުރި ހޯދައި ތަވާލުގެ އެއްވަނާގައި ބާސާ އިން ހަމަ ޖެހިލައިފި އެވެ.

އެ މޮޅާއެކީ ބާސާ ލީގުގެ އެއްވަނާގައި 54 ޕޮއިންޓާ އެކު އޮތް އިރު ދެވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 51 ޕޮއިންޓް ލިބިގެންނެވެ. ތިންވަނާގައި ރެއާލް މެޑްރިޑް އޮތީ 47 ޕޮއިންޓާއެކު އެވެ. ބާސާ އަތުން ބަލިވި ލެވަންޓޭ އޮތީ 17 ޕޮއިންޓާއެކީ ލީގުގެ އެންމެ ފުލުގަ އެވެ.

ސްޕެނިޝް ލީގްގައި މިރޭ ލެވަންޓޭ އާއި ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ލެވަންޓޭގެ ދަނޑުގައި ކުޅުނު އެ މެޗުގައި ބާސާގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައިނުވާ އިރު ބާސާ އިން ކާމިޔާބު ކުރި ފުރަތަމަ ގޯލަކީ ލެވަންޓޭގެ ޑޭވިޑް ނަވާރޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެވަންޓޭގެ ހޯޒޭ ލުއިސް މޮރާލޭސް އަށް ވަނީ ނަތީޖާ ހަމަހަމަ ކޮށްލަން ރަނގަޅު ފުރުސަތެއް ލިބިބޭކާރު ވެފަ އެވެ. ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.

ބާސާ އަށް ލީޑް ފުޅާ ކޮށްދިން ގޯލު ދެވަނަ ހާފްގެ އިތުރު ވަގުތުގައި ލިއޮނަލް މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބް ކުރީ ލުއިސް ސުއަރޭޒް އެވެ.

ސްޕެނިޝް ލީގްގައި މިރޭ ލެވަންޓޭ އާއި ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރިކާ ބުނީ މެޗަށް ނިކުތުމުގެ ކުރިން ވެސް މި މެޗަކީ އުނދަގޫވާނެ މެޗެއްކަން އެނގޭ ކަމަށާއި ލިބުނު ތިން ޕޮއިންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާ ކުޅުނު 100 ވަނަ މެޗުގައި އޭނާ ވަނީ ޕެޕް ގާޑިއޯލާ ބާސާއާ އެކު ހަދާފައިވާ 28 މެޗުން ބަލިނުވެ ހެދި ރިކޯޑާއި ހަމަހަމަކޮށްފަ އެވެ.

"ސަތޭކަ މެޗު ހަމަ ކުރުމަކީ ސައުގުވެރިކަމެއް. އެކަމަކު އެއަށް ވުރެން ބޮޑަށް އަހަރެންނަށް ހިތްހަމަ ޖެހުން ލިބެނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން،"