ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބާރުއެޅުއްވި ކަމަށް ފުލުހުން މިއަދު ބުނުމުން، ނަޝީދުގެ އޮފީހުން އެ ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.

ނަޝީދާ ހަވާލާ ދެއްވައި އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓު ޢަމުރެއް ނެރެފައިވާ ވާހަކައެއް އަޑުއިވިވަޑައިގަތުމުން، ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ނަޝީދު ފޯނުން ގުޅުއްވީ އެފަދަ ވާހަކައެއް އަޑުއިވިވަޑައިގަތުމުން ކަމަށެވެ. އެ ވާހަކަ ޒަކަރިއްޔާއަށް އަޑުއިވި ވަޑައިގެންފައިވޭތޯ ސުވާލު ކުރައްވައި ކަންކަން ރަނގަޅަށް ކުރެއްވުމަށް ނަޝީދު ދެންނެވި ކަމަށް އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނަޝީދު ޒަކަރިއްޔާއަށް ގުޅުއްވައި ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ޒަކަރިއްޔާގެ ކޮމެންޓެއް ހޯއްދެވުމަށް އޭނާއަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ ސަލާމަތީ ބާރުގެ އިސް އޮފިސަރަކަށް ނަޝީދު ފޯނުން ގުޅުއްވައި ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ، ރައީސް ހައްޔަރު ކުރުމަށް ބާރު އަޅުއްވައި ވާހަކަ ދެއްކެވި ކަމަށެވެ. އަދި ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ފުރައިގެން ބަޔަކު މީހުން ރާއްޖޭގެ ރަށަކަށް ގޮސް، ދަންވަރު 3:00 އެހާކަންހާއިރު މެޖިސްޓްރޭޓް ކޯޓެއް ހުޅުވުމަށްފަހު އެ ކޯޓުގައި މަސައްކަތް ކުރާ ފަނޑިޔާރަކާއެކު ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވައި އެމަނިކުފާނު ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލާފައިވެ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި މަނީ ލޯންޑްރިންގެ މައްސަލަތަކުގެ އިތުރަަށް އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ސިހުރު ހެދުމުގައި ރައީސް ޔާމީން ބައިވެރިވެފައިވާ ކަމަށް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

"އެ މައްސަލަތަކަކީ މިހާރު ދިވެހި އެންމެހައި ރައްޔިތުންނަށާއި ބައިނަލް އަޤްވާމީ މުޖްތަމަޢަށް އެމައްސަލަތަކުގެ ފުރިހަމަ ހެކި ލިބިފައިވާ މައްސަލަތަކެކެވެ. އެ މައްސަލަތައް ތަޙްޤީޤު ކުރުމަށް ފުލުހުންގެ އިދާރާއަށް އެޅިފައި އޮތް ހުރަހަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް ވީއްލިފައި ހުންނެވުން ކަމުގައި ވަނީނަމަ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރު ކުރައްވައިގެން ވެސް އެ މައްސަލަތައް މިވަގުތު ތަޙްޤީޤު ކުރުމަށް ދިވެހި ސަލާމަތީ ބާރުތަކަށް ގޮވާލަމެވެ،" ނަޝީދު އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.