މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސަލްޓަން ޕާކުގައި ތިން މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި މުޖްތަމައުއަށް ނުރައްކާތެރި ކަމަށް ފުލުހުން ބުނެފައިވާ ގދ. ފަރެސްމާތޮޑާ، އަލި، ޣައްސާން އަލީގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަދު ޣައްސާންގެ މައްޗަށް ކުރާ ދައުވާ އިއްވަމުން ވަކީލާ ވިދާޅުވީ ޖެނުއަރީ 29، 2011 ގައި ޣައްސާނާއި އިތުރު މީހަކު ސަލްޓަން ޕާކުގައި ތިބި ތިން މީހެއްގެ ގަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. އެތަނުން އެކެއްގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ޣައްސާން ހަތް އިންޗީގެ ވަޅިއަކުން ހަމަލާދީފައިވާއިރު އިތުރު މީހެއްގެ ކަރަށް ހަތަރު އިންޗީގެ ވަޅިއެއް ހަރާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވީ ޣައްސާން ވަޅި ހެރި ކަމަށް ދެ މީހަކު ބުނާ ކަމަށެވެ. އެހެންކަމުން ގޭންގު ކުށްތައް މަނާ ކުރުމާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ހ. ގެ ދެ ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުން ޣައްސާންގެ މައްޗަށް ގޭންގް ހަދައިގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ހ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ނ. ގައި ބުނެފައި ވަނީ މިފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ހަ އަހަރާއި 12 އަހަރާދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ދައުވާ އިއްވުމުން ޝަރީއަތުގެ މަޖިލީހަށް ބިޑިއަޅުވައިގެން ހާޒިރުކޮށްފައިވާ ޣައްސާން ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ބުނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ބޭނުން ކަމަށެވެ.

އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ޣައްސާނަށް އެ ފުރުސަތު ދެއްވައިފަ އެވެ. އަދި މިއަދުގެ އަޑުއެހުން ނިންމާލެއްވީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހަށް އަލުން މައްސަލަ ޝެޑިއުލް ކުރެއްވުމަށްފަހު އެވެ.

ސަލްޓަން ޕާކުގައި ހިންގި މާރާމާރީގައި ޣައްސާން ވަޅި ހެރި ކަމަށް ބުނާ ދެ މީހުންނަށް ވެސް ވަރަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެކެއްގެ މެޔަށާއި ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފައިވެ އެވެ. އަނެއް މީހާގެ ވަޅި ހަރާފައި ވަނީ ކަރަށާއި ބޮލަށް ކަމަށްވެ އެވެ.

މި މައްސަލައިގައި ޣައްސާނާއެކު ސަލްޓަން ޕާކުގެ މާރާމާރީގައި ބައިވެރިވެފައި ވަނީ ކުޑަކުއްޖެއް ކަމަށް ދައުލަތުން ބުނެ އެވެ. އަދި އޭނާގެ މައްޗަށް ޖުވެނައިލް ކޯޓުގައި މިހާރު ދައުވާ އުފުލާފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.