މާލޭގައި ދިރިއުޅޭ ފަރާތްތަކަށް، ޖިނާއީ އެކި މައްސަލަތަކާއި ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރޭނީ ހަމައެކަނި ކްރިމިނަލް ކޯޓުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ޖިނާއީ އެކި މައްސަލަތަކާއި ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތަކާއި ކުށުގެ އަމަލުތަކާއި ގުޅިގެން އަޅާ އިޖުރާއީ ފިޔަވަޅުތަކަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މުޖުތަމައުގެ ހަމަހިމޭން ކަމާއި ދައުލަތުގެ "ނިޒާމް އާއްމު"އާ ފުށުނާރާ ގޮތަކަށް ހަމަޖެހިފައިވާ އިހުތިސާސްގެ ތެރެއިން ހަލުވިކަމާއި އިންސާފު ލިބި ދިނުން ކަމަށެވެ.

ސާކިއުލާގައި ވަނީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުން ކަށަވަރު ކުރުމުގެ މަގްސަދުގައި އެޅޭ ފިޔަވަޅުތަކަށް ނުވަތަ ނެރެވޭ އަމުރުތަކަކަށް ހެދުމަށްޓަކައި ކޯޓު އަމުރުތައް ނެރުމުގައި މައިގަނޑު ހަ ކަމަކަށް ރިއާޔަތް ކުރަންވާނެ ކަމަށެވެ.

އަމުރު ނެރުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތައް:

  • ކޯޓު އަމުރުގެ މަގްސަދާއި ސަބަބު
  • ކޯޓު އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ ތަން
  • ކޯޓު އަމުރު ރައްދުވާ ފަރާތް ވަޒީފާ އަދާ ކުރާ ތަން
  • ކޯޓު އަމުރު ނެރޭ ނަމަ އޭގެ ޒަރޫރަތްތެރިކަން އޮތް މިންވަރު
  • ކޯޓު އަމުރު ނެރެންޖެހޭނީ ގާނޫނީ ހަމަތަކާއި އިޖުރާއަތާއި ސަބަބުގެ ސައްހަކަން
  • ކޯޓު އަމުރު ދެމި އޮންނާނެ މުއްދަތު

"މި ސާކިއުލާގެ މަގްސަދަށްޓަކައި ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ (ވިލިމާލެ، ހުޅުމާލެ ހިމެނޭގޮތުން)ގައި ދިރިއުޅޭ ފަރާތްތަކާއި ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރެންވާނީ ގާނޫނަކުން ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެހެން ގޮަތަކަށް ކަނޑަނާޅާހިނދު ހަމައެކަނި ކްރިމިނަލް ކޯޓުން ކަމުގައި ހަމަޖައްސައިފީމެވެ،" ސާކިއުލާގައި ބުނެފައިވެ އެވެ.

ޖިނާއީ ކުށުގައި މާލޭގައި ދިރިއުޅޭ މީހުންގެ ހައްޔަރު ކުރަން އަމުރު ކުރުމުގެ ބާރު ކްރިމިނަލް ކޯޓަށް ދިންއިރު، ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ފުރައިގެން ބަޔަކު މީހުން ރާއްޖޭގެ ރަށަކަށް ގޮސް، ދަންވަރު 3:00 އެހާކަންހާއިރު އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓެއް ހުޅުވުމަށް ފަހު އެ ކޯޓުގައި މަސައްކަތް ކުރާ ފަނޑިޔާރަކާ އެކު ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.